ވޯޓު ކަރުދާހުގައި އޮންނަ ކޮންމެ ތިލަފަތަކީ އެމްޑީޕީ ކެންޑިޑޭޓެއް ކަމަށާއި، އަތަށް ވޯޓު ކަރުދާސް ކޮޅު ލިބުމުން އަރިމަތީގައި އޮންނަ ތިލަފަތް ވޯޓު ދިނުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް(ސިއްޕެ) އެމްޑީޕީގެ މެންބަރުން ކިބައިން އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ''ރަށްވެހި ފަތިސް'' ތ. ތިމަރަފުށީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސިއްޕެ ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ވަރަށް ފަސޭހަކަމެއް އެއްކަމެއް އެބައޮތް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ހަޔާތުގައި މިހިސާބަށް އާދެވުނުއިރު ކުރެވުނު މަސައްކަތަކުން ފަރިތަވެފައިވާ އޮތްކަމެއް ކަމަށް ސިއްޕެ ވިދާޅުވިއެވެ.
''މިފަހަރު ވޯޓުލާން ގޮސް ވޯޓު ކަރުދާހުން ނަން ހޯދާކަށް ބޭނުމެއް ނުވޭ، ލިޔެފައޮތް އެއްޗެއް ހޯދާކަށް ބޭނުމެއް ނުވޭ، އަތަށް ކަރުދާސް ކޮޅު ލިބުނީމަ އަރިމަތީގައި އިންނަ ތިލަފަތް އަޅުގަނޑުމެންނަށް ފެނޭ، ތިލަފަތުގައި ވޯޓު ޖައްސަވަން އަޅުގަނޑުމެންނަށް އެބަ އެނގެންޖެހޭ'' ސިއްޕެ ވިދާޅުވިއެވެ.
ސިއްޕެ ވިދާޅުވީ، އެމްޑީޕީގެ ލޯގޯ، ތިލަފަތް އެ ޕާޓީއަށް ނިސްބަތްވާ މެންވަރެއްގެ ނަމާދިމާގައި ނޫނީ ނީންނާނެ ކަމަށެވެ.
''ނީންނާނެ މި ޕާޓީ ނޫންމީހެއްގެ، ހަނދުމަފުޅު ކުރަށްވާތި މި ޕާޓީ ބޭފުޅެއް ނޫންގޮތަށް މި ޕާޓީން އެދޭ އެދުމެއް ނޫންގޮތަކަށް ކެނޑިޑޭޓެއް ނުހުންނަވާނެ އަރިމަތީގައި ތިލަފަތް ނެތިއެއް، ތިލަފަތް އިނިއްޔާ އެއީ މިޕާޓީ މެންބަރެއް ބޭނުންވާގޮތް އަދި އަޅުގަނޑުމެން އެންމެން ބޭނުންވާގޮތް، އޭނާ އުޅުންތަނެއް، އޭނާ ކުރިކަމެއް، އޭނާ އުޅުން ޒަމާނެއް ބޭނުމެއްނޫން މިހާރަކު، މިހާރަކު ބޭނުންވަނީ އޭނާއެއީ އަޅުގަނޑުމެންގެ މީހެއްގެ ގޮތުގައިވާތީ އޭނާ ހޮވަން، ތިލަފަތް އަރިމަތީގައި އިނިއްޔާ އެއީ އަޅުގަނޑުމެންގެ ކެނޑިޑޭޓެއް، ރަށުކައުންސިލް ވިޔަސް އަތޮޅު ކައުންސިލް ވިޔަސް އެކަން ތިޔަބޭފުޅުން ހަނދާން ނައްތާނުލައްވާތި،'' ސިއްޕެ ވިދާޅުވިއެވެ.
ސިއްޕެ ވިދާޅުވީ، ބޭނުންވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުލުން ކަމަށެވެ. އަދި މުޅިރާއްޖޭގެ ރަށްތަކުން ތިލަފަތަށް ބޮޑު މެޖޯރިޓީއެއް ފެންނަން ބޭނުންވާ ކަމަށް ވެސް ސިއްޕެ ވިދާޅުވިއެވެ.
ސިއްޕެ ދެއްކެވިވާހަކާގައި، އޭޕްރިލް 10ގެ ފަހުން ފެނިގެންދާނީ ބާރުތައް ރަށްތަކުގެ ރައްޔިތުންގެ އަތްމައްޗަށް ލިބޭތަން ކަމަށާއި، އެމްޑީޕީން އެކަން ކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ތިމަރަފުށީގެ ރައްޔިތުންނަކީ ވަރަށް ހިތްވަރުގަދަ ކެރޭ ހީވާގި ރައްޔިތެއްކަން ފާހަގަ ކުރައްވަމުން ތިމަރަފުއްޓަށް ލިބުނު ޚާއްޞަ ޝަރަފެއް އެބައޮތް ކަމަށް ވިދާޅުވެ، މުޅިރާއްޖެ ތުރާކުނުން އައްޑޫއަށް އަތުރާލިއިރު އަތޮޅު ކައުންސިލް ކެންޑިޑޭޓެއް ތ. އަތޮޅަށް ނޫނިއްޔާ ނެތް ކަމަށް ސިއްޕެ ވިދާޅުވިއެވެ. އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ތިމަރަފުއްޓާއި ތ. އަތޮޅުން އަންހެނުން ބާރުވެރިކޮށް، ތަރައްޤީއަށް ދޭ އަހައްމިޔަތު އެކަމުން ފެނިގެންދާ ކަމަށް ވެސް ސިއްޕެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!