ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލި ޕްރޮގުރާމްގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން ވަނީ މި ޕްރޮގްރާމުގެ ދަށުން 29 ފުރުސަތެއް ހުޅުވާލައިފައިވަނީ މިއަދު އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ އެވެ. ފޯމް ހުށައަޅަން ޖެހެނީ މިކަމަށް ހާއްސަކުރެވިފައިވާ އޮންލައިން ފޯމަކުންނެވެ.
މި ޕްރޮގްރާމުގެ ދަށުން ވެމްކޯގައި މަސައްކަތުގެ ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ޕްރޮގްރާމް ނިންމާ ކޮންމެ މީހަކަށް އެމްކިޔުއޭއިން ގަބޫލު ކުރާލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެއެވެ.
ވެމްކޯއިން އިތުރަށް ބުނީ މި ޕްރޮގުރާމް ފުރިހަމަކުރާ ފަރާތްތަކަށް ކުރިއަށް އޮތްތަނުގައި ވަޒީފާ ދިނުމުގައި އިސްކަންދޭނެކަމަށެވެ.
ތަމްރީނުގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ މަހަކު 5000ރ. ގެ އެލަވެންސެއް ލިބޭނެއެވެ. މި ޕްރޮގްރާމްކުރިއަށްދާނީ ހަމަސް ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީން ދޭ ދާއިރާތަކުގެ ތެރޭގައި ވެލްޑިންއާއި ކޭޝިއަރުންނާއި ހެވީވެހިކަލް ދުއްވުމާއި ސްޓޯ ކީޕާ އާއި އޯޓޯމޯޓިވް މެއިންޓެނެންސް އާއި މެރިންމެކޭނިކް ފަދަ ދާއިރާތައް ހިމެނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ޤައުމީފެންވަރުގައި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމް ރޭވިފައިވަނީ ސަރުކާރާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ތަމްރީނުދޭ މަރުކަޒުތައް ގުޅިގެންނެވެ. މިއީ ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތަށް ދަސްކޮށްދީ، މިފަދަ ޒުވާނުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދީ، ވަޒީފާގެ ބާޒާރަށް ނިކުތުމަށް ބާރުއަޅައި، މިފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމުގެ ގޮތުން ތަޢާރަފްކުރެވިފައި ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!