ކޯވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރާ މީހުންގެ ފަރާތުން ބަލި ނުފެތުރޭ ކަމަަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ވެކްސިން ޖަހާ މީހުންނަށް ކޯވިޑްގެ ސަބަބުންދިމާވާ ނުރައްކާތެރި ކަންކަމުން ރައްކާތެރިކަން ދިނުމުގެ އިތުރުން ބަލި ކެރީ ކުރުމާވެސް ދުރުކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖަހާ މީހެއްގެ ފަރާތުން އެހެންމީހަކަށް މި ބަލި ނުޖެހޭނެކަމުގެ ޔަގީންކަން ސައިންސްވެރިން ދެއެވެ.

Ad
rt

ސީޑީސީގެ ޑިރެކްޓަރު އަދި އެމްޑީ ރޮޝެލް ވެލަންސްކީ ބޭރުގެ މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ވެކްސިން ޖަހާ މީހުން ބަލި ނުފަތުރާކަން ކްލިނިކަލް ޓަރައަލްތަކުންވެސްވަނީ ހާމަވެފައެވެ. އަދި ވެކްސިނަކީ ކާމިޔާބު ވެކްސިނެއް ކަމަށާއި މީގެ ސަބަބުން ކޯވިޑްގެ ބަލިމަޑުކަމުން ދުނިޔެ ވަރަށް އަވަހަށް ސަލާމަތްވާނެ ކަމުގެ އުއްމީދު އެބައޮޔްކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިރާސާގައި ސީޑީސީންވަނީ އެމެރިކާގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 4،000އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މި ދިރާސާއިން ދެއްކި ގޮތުގައި ފައިޒާ އާއި މޮޑާނާ ވެކްސިންގެ ފުރަތަމަ ޑޯޒާއެކު އިންފެކްޓުވުމުގެ ފުރުސަތު 80 އިންސައްތަ ދަށްކޮށްދެއެވެ. އަދި ދެވަނަ ޑޯޒު ޖެހުމުން އެފުރުސަތު 90 އިންސައްތައަށް ދަށްކޮށްދެއެވެ. އެހެންކަމުން އިންފެކްޝަނެއް ނެތި ބަލި ނުފެތުރޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ވެކްސިން ޖަހާ މީހުންގެ ފަރާތުން ވައިރަސް ނުފެތުރުނު ނަމަވެސް މާސްކު އެޅުމަށާއި ގައިދުރުކަން ބަހައްޓަން ސީޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ވެކްސިންގެ ދެ ޑޯޒު ޖަހާ މީހުންނަށް ރާއްޖެއިންވެސް ވަނީ ލުއިތަކެއް ދޭން ނިންމައިފައެވެ. އެގޮތުން، ދެ ޑޯޒު ޖެހުމުން ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ކަމަށްއިއްޔެ ރައީސް އޮފީހުން ވަނީ ބުނެފައެވެ.