ރިސޯޓް ހަދަން ޔޮޓް ޓުއާސް ކުންފުންޏަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޖިލީހުުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް 2013 ވަނަ އަހަރު ސަރުކާރުން ދޫކުރި ބީނާފުށްޓާއި ކަނޑާލިފިނޮޅު ސަރުކާރުން އަތުލީ ކުލި ނުދައްކާ ކަމަށް ބުނެ 2016 ވަނަ އަހަރު އެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ އެތަން އަތުލީ ރަނގަޅަށް ކަމަށެވެ.
ޔޮޓް ޓުއާސް އިން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ކުލި ނުދެއްކުނީ އެރަށުގެ ބިން ރަޖިސްޓްރީ ކުރުން ލަސްވެ އަދި އެ މުއްދަތަށް އެރި ޖޫރިމަނާގެ ސަބަބުން ކަމަށް ޔޮޓް ޓުއާސް އިން ބުންޏަސް، އެއްބަސްވުމުގެ ދަށުން ކުލި ދެއްކުމުގެ ޒިންމާއިން އެ ކުންފުންޏަށް ބަރީއަ ނުވެވޭނެ ކަމަށެވެ. އަދި ޖޫރިމަނާއަށް ސަރުކާރުން ލުއިތަކެއް ދިން ފަހުން ވެސް އެއްވެސް މިންވަރަކަށް ކުލި ދައްކާފައިނުވާ ކަމަށް އެ ހުކުމުގައިިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެއްބަސްވުން އޮތްގޮތުން ކުލި ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލް ކުރުމުގެ ބާރު ސަރުކާރަށް އޮންނާނެ ކަމަށެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!