އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ފެށުމަށް ހަމަޖެހިފައިވާ ލޯފަން ކުދިންނަށް ޚާއްޞަ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޯހަކީ ހިލޭ ކިޔަވައިދޭ ކޯހެކެވެ. މި ކޯހުގެ ޖާގައިގެ ޢަދަދަކީ 60 އެވެ. މި ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިޔޫއެމްގެ މާލޭ ކެމްޕަސްގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއިންނެވެ.
މި ކޯހުގައި ދެވޭ 60 ޖާގައަކީ، އެ ކެމްޕަސް އަށް ގޮސްގެން ކިޔަވެވުމަށް 30 ޖާގަ އަދި އޮންލައިންކޮށް ކިޔެވުމަށް 30 ޖާގަ އެވެ.
މި ކޯހުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު ދަންފަޅީގައި ކަމަށް އައިޔޫއެމް އިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ހެނދުނުގެ ކޮން ގަޑިއެއްކަމެއް އަދި ހާމައެއް ނުކުރަށްވަ އެވެ.
މި ފުރުޞަތަށް އެދޭ ލޯފަން ކުދިން، އެ ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ އެހެނިހެން ތަކެއްޗާއެކު (ފުރިހަމަ ކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯރމް، އައިޑީކާޑުގެ ކޮޕީ. ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ) އަންނަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން އެ ޔުނިވާސިޓީއަށް ހުށަހަޅަން ޖެހެއެވެ.
މި ކްލާހާބެހޭ މައުލޫމާތާއި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުންނާއި އެ ޔުނިވާސިޓީގެ ވެބްސައިޓް www.ium.edu.mv އިން ލިބެން ހުންނާނެ ކަމަށް އައިޔޫއެމްއިން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި 3022124، 3022125 އަދި 7923247 ނަންބަރާ ގުޅުއްވުމުން ލިބޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!