މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ މި ސީޒަންފަހު ސިޓީ ދޫކޮށްލަން ނިންމައިފިއެވެ.

2011 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑުން ސިޓީއަށް ބަދަލުވި އަގުއެރޯ ސިޓީއާއިއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ.

Ad
rt

ދިހަަ އަހަރަށް ފަހު އަގުއެރޯ ސިޓީ ދޫކޮށްލަން ނިންމާފައިވާއިރު، އޭނާވަނީ ސިޓީއަށް ކުޅެދިން 384 މެޗުގައި އެ ޓީމަށް 257 ލަނޑު ޖަހައި، އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

އަގުއެރޯގެ މި ނިންމުމާއި ގުޅިގެން ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކް ވިދާޅުވެފައި ވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ސިޓީއަށް އަގުއޭރޯ ކޮށްދިން ޚިދުމަތް ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ކަމަށެވެ. އަދި އަގުއޭރޯއަކީ ސިޓީގެ ލެޖެންޑެއް ކަމަށާއި، އޭނާ ދެކެ އެ ޓީމުގެ ސަޕޯޓަރުންވާ ލޯބި ދުވަހަކުވެސް ފަނޑުވެގެން ނުދާނެ ކަމަށެވެ.

މި ސީޒަނަށް ފަހު އަގުއެރޯ ސިޓީ ދޫކޮށްލާއިރު އަގުއެރޯ ހޯދުމަށް ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަ ކަމުގައި މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

އަގުއޭރޯގެ ހަނދާނުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި އޭނާގެ ބުދެއް ބަހައްޓަން ނިންމާފައިވާކަންވެސް އެ ޓީމުން ހާމަކޮށްފައިވާއިރު މީގެ ކުރިން އިއްތިހާދު ސްޓޭޑިއަމުގައި ސިޓީން ބަހައްޓާފައިވަނީ އެ ޓީމުގެ ދެ ލެޖެންޑުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ޑޭވިޑް ސިލްވާގެ ބުދުތަކެވެ.

އަގުއެރޯ ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ