މި ސަރުކާރުން މުއައްސަސާތަކަށް ބިރެއް ނުދައްކާ ކަމަށާއި، އަބަދުވެސް ދަނީ އެއްބާރުލުން ދެމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަހުން ހުށަހެޅި މަޢުލޫމާތުތައް ރިވިއުކޮށް ބެލުމުންވެސް ޖިނާޢީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންޞުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމިގޮތަށް އެމަސަލާގައި ދަޢުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ނިންމުމުން ވެރިކަންކުރާ އެމްޑީޕީގެ ތެރެއިންނާއި، އިދިކޮޅުން ވެސް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރިއެވެ.

Ad
rt

އެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ރޭ ރައީސް އޮފީހުން ވަނީ އެކަމާގުޅޭ ނޫސް ބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާން ހިމަނުއްވައި، މަޖިލިސްގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރަށްވަމުން ގެންދަބާ ރޮޒެއިނާ ވިދާޅުވީ، މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރާއިރު، މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކުރިކަމެއް ބުނެދީ ސާބިތުކޮށް ދިނުން މުހިންމު ކަމަށެވެ.

''އަޅުގަނޑަށް ފެންނަތާ ސަރުކާރުން އަބަދުވެސް މުއައްސަސާތަކަށް އެއްބާރުލުން އެބަދޭ، ބިރެއް ނުދައްކާ'' ރޮޒެއިނާ ވިދާޅުވެފަ ވެއެވެ.

ރޭ އާންމު ކުރެއްވި ނޫސް ބަޔާނުގައި ރައީސް އޮފީހުން ވިދާޅުވީ ކޯވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް ހޯދުމަށް ބޭނުންވާކަމަށް ޞިއްޙީ މާހިރުން ލަފާދެއްވި ވެންޓިލޭޓަރތައް އަވަހަށް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން ކުރިއަށްގެންދިޔަ މުޢާމަލާތްތަކާއި ގުޅޭގޮތުން "ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް- މިނިސްޓްރީ އޮފް ހެލްތް"ގެ ނަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓް ގައި ބައެއް ކަންކަން ފާހަގަ ކުރައްވާފައިވާކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ ޢަމަލެއް ނުވަތަ އެއްވެސް ފަރާތަކަށް ނާޖާއިޒް ފައިދާއެއް ލިބޭގޮތަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ސަރުކާރުން އިސްވެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި، ފުލުހުންނަށް އެމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤު ކުރުމަށް ސީދާ ސަރުކާރުން އަންގަވާފައިވާނެކަމަށެވެ.

އެތަހުގީގަށް މުއައްސަސާތަކަށް ބޭނުންވި ހުރިހާއެއްބާރުލުމެއް ދެއްވާފައިވާނެކަން ފާހަގަކުރަށްވައި، ތަޙްޤީޤް ހިނގަމުން ދިޔައިރު، ވީހާވެސް އިންސާފުވެރިކަމާއި އެކު މައްސަލަ ތަޙްޤީޤް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން އެމައްސަލައިގައި ތުހުމަތު ކުރެވުނު ސަރުކާރުގެ އެންމެހައި މުވައްޒަފުން، ތަޙްޤީޤް ނިމެންދެން މަސައްކަތުން އެކަހެރި ކުރެއްވިކަންވެސް ރައީސް އޮފީހުންވަނީ ވިދާޅުވެފަ އެވެ.

މުސްތަޤިއްލުކަން ޤާނޫނު އަސާސީއިން ދީފައިވަނީ އެއްވެސް ފަރާތެއްގެ ސިޔާސީ ނުފޫޒެއް އަދި ޒާތީ ތަޢައްޞުބެއް ނެތި މިނިވަންކަމާއި، ޢަދުލުވެރިކަމާއި އެކު ދަޢުވާތައް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށްވާތީ، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މިފަދަ އުޞޫލުތައް ނަގަހައްޓައި، އެންމެހައި މީސްތަކުންގެ ޙައްޤުތައް ރައްކައުތެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީއިން ލާޒިމް ކުރާ ކަން ރައީސް އޮފީހުންވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ނަގަހައްޓައި އެ ޙައްޤުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.