ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ނުގެނެސް، އެ ނިންމުން ދެމެހެއްޓުމަށް ގޮވާލައި، އެކަމާ ގުޅިގެން ކަންބޮޑުވާ 112 ފަރާތެއް ގުޅިގެން، ގުޅިފައިވާ ނޫސްބަޔާނެއް ނެރެފިޔެވެ.

އެ ނޫސްބަޔާނަކީ ރާއްޖޭގެ 55 ފަރާތަކާއި، ބޭރުގެ 57 ފަރާތެއް ގުޅިގެން ނެރެފައިވާ ބަޔާނެކެވެ. މި ބަޔާން ނެރުމުގައި ރާއްޖޭގެ ބައެއް ޖަމިއްޔާތަކާއި، ބައެއް ރިސޯޓްތަކާއި އަދި ބައެއް ޑައިވިން ސެންޓަރު ފަދަ ފަަރާތްތައް ޝާމިލް ވެއެވެ.

Ad
rt

މި ނޫސް ބަޔާން ގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗައިން ވަނީ، ރާއްޖޭގައި މިހާތަނަށް 11 އަހަރުވެފައިވާ މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލާ، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާކަން 23 މާރޗް 2021 ވަނަ ދުވަހު ހާމަކުރައްވާފައިވާ ކަމަށެވެ.

އެ މިނިސްޓްރީއިން އެކަން ހާމަކުރެއްވީ އެދުވަހު ރައްޔިތުންގެ މަޖިލީހުގެ އިކޮނޮމިކްސް އެފެއަރސް ކޮމިޓީގައި އެ މިނިސްޓްރީއާއި ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފަ ވެއެވެ.

މީގެ އިތުރުން، މިޔަރަކީ އިގްތިސާދީ ގޮތުން ފައިދާ ހޯދޭނެ ވަސީލަތެއް ކަމަށާއި އޭގެ ބޭނުން "ނުކުރަންވީ ސަބަބެއް ނެތް" ކަމަށް މިނިސްޓަރީއިން ވިދާޅުވިކަމަށް އެ ބަޔާނުގައި ވެއެވެ.

''މިޔަރަކީ ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ނިޒާމުގެ ސިއްހަތު ދެމެހެއްޓުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ދިރުމަކަށްވާއިރު، ރާއްޖެއަކީ މިޔަރު ހިމާޔަތްކޮށް މިޔަރުގެ އާބާދީގެރައްކާތެރިކަމަށް ދުނިޔޭގައި އުންމީދީ މާހައުލެއް ގާއިމްކޮށްފައިވާ ގައުމަކަށް ވީހިނދު، ދިވެހިރާއްޖެއިން ކްލައިމެޓް އިމަރޖެންސީ އިއުލާނުކޮށްފައިވާ މިފަދަވަގުތެއްގައި، މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަކީ މި ކަންކަމާ މުޅިން ފުށުއަރާ ކަމެކެވެ.
އެހެންކަމުން، 10 އަހަރަށްވުރެ ގިނަދުވަސްވީ މިއަރުގެ މަސްވެރިކަމާ ވިޔަފާރިކުރުން ރާއްޖޭގައި މަނާކޮށްފައިއޮތްއޮތުން ދެމެހެއްޓުމަށް، ތިރީގައި ސޮއިކޮށްފައިވާ މި މައްސަލައިގާ ކަންބޮޑުވާ ފަރާތްތަކުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.'' އެ ބަޔާނުގައި ބުނެފަ ވެއެވެ.

މިޔަރު ހިމާޔަތްކުރުމާބެހޭ ޤާނޫނާއި ގަވައިދުތައް ތަންފީޒުކޮށް ނެގެހެއްޓުމަށާއި، މިއާ ޚިލާފުވާ ފަރާތްތައް ޖަވާބުދާރީކޮށް ފިޔަވަޅުއެޅުމަށާއި، އެ ބަޔާނުގައި އެފަރާތްތަކުން ފާހަގަކޮށްފައިވާ، މައްސަލަތަކުގެ ތަހުޤީގުތައް އަވަސްކޮށް ދެފުށްފެންނަ ގޮތަށް ހިންގާ ބެލުމަށް މި މައްސަލައިގާ ކަންބޮޑުވާ ފަރާތްތަކުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވައިލާކަމަށް އެ ބަޔާނުގައި ބުނެފަ ވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ މައްސަލަތައް

  • ގަވާއިދާއި ހިލާފަށް ބޭރުކުރަން މަސައްކަތްކުރި 429 ކިލޯގެ މިޔަރު އުރަހަ މޯލްޑިވްސް ކަސްޓަމްސް އިން 3 ޖެނުއަރީ 2021 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން ހިފެހެއްޓާފައިވާ މައްސަލަ
  • މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ މަސް ދޯންޏެއް ފުލުހުން ހިފަހައްޓައި 23 މާރޗް 2021 ގައި ގިނަ އަދަދެއްގެ މިޔަރާއި މިޔަރު އުރަހަ އަތުލައިގެންފައިވާ މައްސަލަ
  • "ފިޝް ހެޑް" ގެ ނަމުން މަޝްހޫރު ޑައިވް ސައިޓުން 24 މާރޗް 2021 ވަނަ ދުވަހު މިޔަރުތަކެއް ރާއްޖޭގައި ބޭނުންކުރުން މަނާ މަސްވެރިކަމުގެ އާލާތެއްގައި ޖެހިފައިވަނިކޮށް ފަތުރުވެރިޔަކަށް ފެނި ރިޕޯޓްކޮށްފައިވާ މައްސަލަ

''ކަނޑުގެ ދިރުންތަކަކީ ދިވެހިންގެ އާންމު ދިރިއުޅުމުގެ ސަލާމަތާއި ރައްކާތެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ގުދުރަތީ ވަސީލަތަކަށްވާ ހިނދު އަދި ރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ސަރަހައްދެއް ހިމެނޭ ގައުމަކަށް ވާއިރު، ދިވެހިރާއްޖޭގެ ގުދުރަތީ ނިޒާމު މިވަގުތު އޮތް ނާޒުކު ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން މިކަމަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުމަށް މިކަމާއި ކަންބޮޑުވާ ފަރާތްތަކުން ބާރުއަޅަމެވެ.'' އެ ބަޔާނުގައި ބުނެފަ ވެއެވެ.

މިވަގުތަކީ ގިނަ ކާރިސާތަކެއްގެ ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވާ ވަގުތެއްކަން ފާހަގަކޮށް އެބަޔާނުގައި ބުނެފައި ވަނީ، ކޯވިޑް 19ގެ ކާރިސާ އާއި އެކަމާ ގުޅިފައިވާ އިގްތިސާދީ ކާރިސާ އާއި ކުރިމަތިވެފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ދިމާވެފައިވާ ކާރިސާ ތަކުގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ކުރިއައްއޮތްތާގައި އިތުރުވަމުން ދާނެ ކަމަށެވެ.

އެހެންކަމުން މިޔަރު ހިމާޔަތްކުރުމަކީ ދިވެހީންގެ ކުރިމަގާ ކުރިއެރުމުގެ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.