ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލުމަށް އަމިއްލަ ގަލަމެއް ބޭނުން ކުރުމަށް ބާރުއަޅާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އިންތިޚާބާއި ގުޅޭގޮތުން އީސީއިން ކޮށްފައިވާ ޢިއުލާނެއް ގައެވެ.

Ad
rt

އީސީއިން ބުނީ، "ކޯވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު" ގެ 4 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ވޯޓުލާން ދާއިރު ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް އެ ކޮމިޝަނުން ބާރުއަޅާ ކަމަށެވެ.

މިގޮތުން ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް، އެ ކޮމިޝަނުން ނިންމާފައިވާކަމަށް ވެސް އީސީން ބުނެއެވެ.

އީސީން މިހާރު ދަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

އެ އިންތިޚާބު ތާވަލުކޮށްފައި ވަނީ އަންނަމަހު 10 އަށެވެ.