ށ. އަތޮޅުން ފެބްރުއަރީމަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ 10 ކައުންސިލަކުން ކަމަށް، ށ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

ށ. އަތޮޅުކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫން ކައުންސިލްތަކާ މަތިކޮށްފައިވާގޮތަށް، އެ އަތޮޅުގެ ރަށުކައުންސިލްތަކުން ކުރެ 10 ކައުންސިލަކުން މިއަހަރުގެ ފެބްރުއަރީމަހު އެކައުންސިލްތައް ނިސްބަތްވާ ރައްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށްފައި ވާކަމަށެވެ.

Ad
rt

އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، ށ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ އެ ކައުންސިލްތަކަށް މަރުހަބާ ދަންނަވާފަ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2021 ވަނަ އަހަރު ފެބްރުއަރީ މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިފައިވާ ބައްދަލުވުމެއް ބޭއްވުމަށްފަހު، ށ. އަތޮޅު ކައުންސިލާއި ޙިއްސާކޮށްފައިވާ 10 ރަށު ކައުންސިލްގެ ގޮތުގައި އެ ކައުންސިލުން ބުނެފައިވާ ކައުންސިލް ތަކަކީ:

  • ނަރުދޫ ކައުންސިލް
  • ބިލެއްފަހި ކައުންސިލް
  • ޅައިމަގު ކައުންސިލް
  • ކަނޑިތީމު ކައުންސިލް
  • ކޮމަންޑޫ ކައުންސިލް
  • މާއުނގޫދޫ ކައުންސިލް
  • މިލަންދޫ ކައުންސިލް
  • ފުނަދޫ ކައުންސިލް
  • ފޯކައިދޫ ކައުންސިލް
  • ގޮއިދޫ ކައުންސިލް

ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނަ އިރު، ފެބްރުއަރީމަހު މި ބައްދަލުވުން ނުބާއް 4 ކައުންސިލެއް ވެއެވެ. އެއީ ނޫމަރާ، މަރޮށި، ފީވައް އަދި ފޭދޫ ކައުންސިލެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންޖެހެއެވެ.