ހދ. އަތޮޅުގެ ރަށެއްގައި ދަރިފުޅު ލައްވައި އެހެން މީހަކާ އެކު ޖިންސީ ގުޅުން ހިންގުވި މަންމައަކު 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް ހައި ކޯޓުން އިއްޔެ އޭނާ މިނިވަން ކޮށްފި އެވެ.
16 އަހަރުގެ އަންހެން ދަރިފުޅު ލައްވައި، އެކި ދުވަސް މަތިން އެހެން މީހަކާ ޖިންސީ ގުޅުން ހިންގުވަން ހިިތްވަރު ދީ މަގުފަހިކުރި މައްސަލައެއްގައި އެ ކުއްޖާގެ މަންމަ 18 އަހަރާއި 6 މަހަށް ޖަލަށްލީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުމުގެ ކުށާއި ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގަ އެވެ. އޭނާގެ ނަމާއި ރަށް ހާމަ ނުކުރީ ކުޑަކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ މީހާ ޖަލަށްލާން ހުކުމްކުރީ ދަށު ކޯޓުގައި ޖަވާބުދާރީވުމަށްޓަކައި ލިޔުންތައް ފޯރުކޮށް ދިނުމެއް ނެތި ކަމަށެވެ. އެހެންވެ، ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު އޭނާއަށް ގެއްލިފައިވާތީ އޭނާގެ ޖަލު ހުކުމް ބާތިލް ކުރީ ކަމަށް 2 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުަސައިން ޒަކަރިއްޔާގެ އަޣުލަބިއްޔަތުން އެ މީހާ ހައި ކޯޓުން މިނިވަން ކުރިޔަސް، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔަކީ އެ މީހާގެ ޖަލު ހުކުމް ދެމެހެއްޓުމަށެވެ.
ފަނޑިޔާރު ރައޫފްގެ ރައުޔުގައިވަނީ ޖަވާބުދާރީވާން އަލުން ފުރުސަތު ދިނަސް، ދަށު ކޯޓުގެ ހުކުމަށް ބަދަލު އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ލިޔުންތައް ނުލިބޭ ކަމަށް ބުނެ ދަށު ކޯޓުގައި އެ މީހާގެ ފަރާތުން އެއްވެސް ޝަކުވާއެއް ކޮށްފައި ނެތް ކަމަށް ފަނޑިޔާރު ރައޫފްގެ ރައުޔުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!