ރައީސުލް ޖުމްޙޫރިއްޔާގެ އޮފީހުގެ ފަރާތުން، ކްރައިސިސް އެންޑް މޭޖަރ އިންސިޑެންޓްސް ކޮމިއުނިކޭޝަންސްއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ ރައީސް އޮފީހާއި، ބްރިޓިޝް ހައިކޮމިޝަނާއި، އިނގިރޭސިވިލާތުގެ މެޓްރޯޕޮލިޓަން ޕޮލިސްގެ އިތުރުން އިނގިރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ އިން ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުން ކުރިޔަށް ގެންގޮސްދެއްވާފައި ވަނީ މެޓްރޮޕޮލިޓަން ޕޮލިސްގެ ޑައިރެކްޓޮރޭޓް އޮފް މީޑިއާ ކޮމިއުނިކޭޝަންސްގެ ފަރާތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި މަސައްކަތު ބައްދަލުވުން އަމާޒުކޮށްފައި ވަނީ، ބޮޑެތި ހާދިސާތައް އަދި ކާރިސާތައް ދިމާވާ ހިނދު މުޢާމަލާތްތައް ބައްޓަންކުރުމުގައި ގެންގުޅެންވީ މުހިންމު އުޞޫލުތައް ދެނެގަނެ، ޙާލަތުގެ ނާޒުކުކަމަށް ރިޔާއަތްކޮށް އެންމެ އެދެވޭ ގޮތަށް މުޢާމަލާތްތައް ބައްޓަންކުރަންވީ ގޮތުގެ މައްޗަށެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑވައިޒަރ، ކާނަލް ޑޭވިޑް އޭޝްމަން ވަނީ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނކޭޝަން ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދު ވަނީ ވާހަކަ ދައްކަވާފަ އެވެ.
މި ބައްދަލުކުރުމުގައި މެޓްރޮޕޮލިޓަން ޕޮލިސްގެ ފަރާތުން ފާއިތުވި 10 އަހަރު ތެރޭގައި އެޤައުމަށް ކުރިމަތިވި ބޮޑެތި ކާރިސާތަކާއި ހާދިސާތަކުގައި އެ ޤައުމުގެ ކަމާގުޅޭ މާހިރުން އަމަލުކުރެއްވި ގޮތްތަކާއި ގެންގުޅުއްވި އުޞޫލުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި، މިފަދަ ޙާލަތްތަކުގައި އެބޭފުޅުންގެ ކޮމިއުނިކޭޝަންސް ރެސްޕޮންސް އަށް ގެންނަމުން އައި ބަދަލުތަކާއި ގިނަ ބަޔަކަށް އެއްފަހަރާ ޞައްޙަ މަޢުލޫމާތުު ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިއާއިން ކުޅެމުން އައި ދައުރު ވަނީ ފާހަގަކުރައްވާފައެވެ.
މިއީ ވަރޗުއަލްކޮށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ކަމާގުޅޭ އިދާރާތަކުގެ ފަރާތުން މަންދޫބުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!