ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރައަށް ޖެހޭ ޢަދަދު ދޭން ނިންމައި، އެހެން ކުންފުނިތަކަށް ނަމޫނާ ދައްކައިފިއެވެ.
މިގޮތުން އާރުސީސީން މިއަދު ބުނީ ކޯވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް ވެސް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ.
އެހެންނަމަވެސް، އެހާލަތުގައި ވެސް މުވައްޒަފުންކުރި ހިއްވަރުގެ އަގުވަޒަން ކުރުމަށްޓަކައި، ކޮންމެ މުވައްޒަފެއްގެ ވެސް އެއް މަހުގެ މުސާރަ، 2020 ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ދޭން ނިންމައިފި ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އާރުސީސީގެ މިންނިންމުމާއި ގުޅިގެން އެ ކުންފުނީގެ ޗެއާމަން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށެވެ.
''ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް. އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ.'' ނާޒިމް ވިދާޅުވެފަ އެވެ.
ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން. ބޮޑެތި މާލީ ދަތިތަކާއެކުވެސް، 2020ވަނަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް. އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ. https://t.co/thUOVsmF5C
— Col(rtd)Mohamed Nazim MP (@nazim7878) March 22, 2021
ދުނިޔެއަށް ކުރިމަތިވި ކޯވިޑްގެ ހާލަތު ރާއްޖެއަށް ވެސް ތަޖުރިބާކުރަންޖެހި، ރާއްޖޭގެ މުޅި އިގްތިސާދު ހުއްޓުމަކަށް އައެވެ. މި ދަތިވަގުތުގައި ގައުމުގެ އެތައް މަސައްކަތްތެރީންނެއް ވަނީ މަގުމަތިވެ ވަޒީފާތައް ގެއްލިފައެވެ. ސަރުކާރާއި، ސަރުކާރުގެ ކުންފުނިތައް ފިޔަވާ އެހެން އަމިއްލަ އެތައް ކުންފުންޏަކުން މުވައްޒަފުންގެ މުސާރަތައް އުނިކޮށް، ކުޑަކޮށް، މުވައްޒަފުން ނޯޕޭލީވަށް ފޮނުވައި، ވަޒީފާތަކުން ވަކި ވެސް ކުރިއެވެ.
ކޯވިޑް ހާލަތުގެ ތެރެއިން އަލުން ގައުމު އާރާސްތުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން ދިޔަނަމަވެސް އަދިވެސް އެތައް ރައްޔިތުންނެއް ތިބީ ދަތި ހާލުގައެވެ. އަދި ގިނަ އަމިއްލަ ކުންފުނިތަކުން އަދިވެސް މުވައްޒަފުންނަށް ހަމަ މުސާރަ އިޔާދަކޮށްދީފައި ނުވާއިރު، އެތައް ބަޔަކު އަދިވެސް ތިބީ ވަޒީފާއަށް ނުނެރޭތީ ގޭގައި، އާމްދަނީ ހޯދަން ކުރާނެ މާގޮޑު މަސައްކަތެއްވެސް ނެތިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!