މިދިޔަ އަހަރު ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ރިސޯޓު ހަދަން ހުޅުވައިލި 4 ރަށަށް ބިޑު ހުށައެޅީ އެންމެ ފަރާތަކުން ކަމަށް ޓުރިޒަމް މިނިސްޓްރީއިން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ތިލަދުން އާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވި ގޮތުގައި އަލަށް ރިސޯޓު ހަދަން އުތުރުން ހުޅުވާލި 4 ރަށުގެ ބިޑުފޮތް 7 ފަރާތަކުން ގަނެފައިވާކަމަށާއި ނަމަވެސް ބިޑު ފޮތް ހުށަ އެޅީ އެންމެ ފަރާތަކުން ކަމަށެވެ.

Ad
rt

މަޢުލޫމާތުލިބިފައިވާ ގޮތުގައި މިރަށްތަކުގެ މައުލޫމާތު ސާފު ކުރަން ބޭއްވި ސެޝަންތަކުގައި 65 ޕާޓީ އަކުން ބައިވެރިވެ މައުލޫމާތު ހޯދި އެވެ.

ހުއްސާން އިތުރަށް ވިދާޅުވީ ބިޑު ހުށައަޅާފައިވަނީ ނ. ކުންނަމެލައި އަށް އެކަނި ކަމަށެވެ. ހއ. ހއ. އަދި ށ އަތޮޅުން ހުޅުވާލި އެއްވެސް ރަށަކަށް އެއްވެސް ފަރާތަކުން ބިޑު ހުށައަޅާފައި ނުވާކަމަށް ވިދާޅުވި އެވެ.

ހުއްސާން ވިދާޅުވީ މިރަށްތައް އިންވެސްޓަރުންނަށް ޕްރޮމޯޓް ކުރުމަށް އެމްބަސީތައް މެދުވެރިކޮން މަސައްކަތް ކޮށްފައިވާކަމަށާއި މިރަށްތައް އަލުން ބީލަމަށް ހުޅުވާލުމަށް އަލުން އުސޫލްތައް ރިވިއު ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން ރަށްތަކެއް އާންމުކޮށް ވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. އެއީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. އަތޮޅު އަދި ދަނޑުވެރިކަން ކުރާ ރަށެއް ކަމަށްވާ ވައިކަރަމުރައިދޫން 15 ހެކްޓަރެވެ. މީގެ އިތުރުން ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި ވެސް ރިސޯޓު ހަދަން ހުޅުވާލި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނީ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އަލަށް ރިސޯޓު ހަދަން ދޭ ރަށްތަކަށް ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި މި ރަށްތައް ހުޅުވުމުން 18،000 ވަޒީފާ އުފެދޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން މިހާތަނަށް އިއުލާނުކޮށްފައި ވަނީ އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއްގެ އިތުރުން ކެލާގައި ސިޓީ ހޮޓަލެއް އެޅުމަށް އިއުލާނު ކުރި މަޝްރޫއެކެވެ. ކެލާ ސިޓީ ހޮޓަލުގެ މަޝްރޫއު މިހާރު ވަނީ ފެޑޯ އިންވެސްޓްމެންޓް އާ ހަވާލުކޮށްފަ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އަހަރު 15 ރިސޯޓެއް ހުޅުވާނެ އެވެ. މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރަން 10 ރަށްތަކެއް ނެރެގެން އެ ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.

އުތުރުގެ 4 އަތޮޅުން 11 ރަށެއް ފަތުރު ވެރިކަމަށް ހުޅުވާލައި އިޢުލާން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެެވެ. އަހަރެއް ފަހުން މި 11 ރަށުގެ ތެރެއިން ބިޑްއަށް ހުޅުވާލެވުނީ 4 ރަށަކަށެވެ.

ހއ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ

ހއ މާފިނޮޅު (14 ހެކްޓަރު) - 425 އެނދު
ހއ ދައްޕަރު (60 ހެކްޓަރު) (ޗަސްބިން ހިމާޔަތް ކުރާގޮތައް)
ހއ މެދުފުށި (10.9 ހެކްޓަރު) 317 އެނދު
ހއ އަލިދުއްފަރު ފިނޮޅު (3 ހެކްޓަރު)

ހދ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ ގޮތުގައި އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހިމެނެނީ

ހދ ހޮނޑައިދޫ (10.9 ހެކްޓަރު) 50 އެނދު
ހދ. ކުޑަފަރު ފަސްގަނޑު (ހެކްޓަރު)
ހދ ވައިކަރަ މުރައިދޫ (15 ހެކްޓަރު ޓޫރިޒަމް ޒޯންގޮތުގައި ކަނޑައެޅުން) 436 އެނދު - ދަނޑުވެރިކަން މިހާރުވެސް ކުރަމުންދާރަށެއް

ށ. ނ. ރ އަތޮޅުން އަލަށް ދޫކުރަން ނިންމި ރަށްތައް

ށ ނަލަންދޫ
ށ ކުޑަޅައިމެންދޫ
ށ ފުށިފަރު
ނ ކުންނަމަލައި