އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގާފައިވާ ކަމަށާއި، އަދި އެއީ ސަރުކާރުން އަންގައިގެން އޭނާގެ އަބުރުކަތިލުމަށް ކުރާކަމެއްކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ އޭސީސީއަށް ހާޒިރު ކުރަނީ ސަރުކާރުން އަންގައިގެން އޭނާގެ ކެމްޕެއިނަށް ހުރަސް އެޅުމަށް ކަމަށެވެ.
"އަޅުގަނޑު ކެންޕެއިނަށް ސަރުކާރުން ހުރަސްއެޅުމަށް، އަސްލެއް ނެތް ދޮގު ވާހަކަތައް ފެތުރުމަށް، އަބުރު ކަތިލުމަށް ސަރުކާރުން އަންގައިގެން 23 މާޗްގައި އޭސީސީއަށް ހާޒިރުކުރަނީ، އިންޝާއަﷲ ފުރިހަމައަށް ޖަވާބުދާރީވާނަން'' ޑރ. މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރަށްވާ ޑރ. މުޢިއްޒު ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުން ދަނިކޮށް ކުއްލި ގޮތަކަށް އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައި ކަން އަދި ސާފެއް ނުވެއެވެ.
ޑރ. މުޢިއްޒު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު، ކުރީގެ ސަރުކާރު ނިމުނުފަހުން ވެސް މިހާރު ވަނީ ދެ އަހަރާއި ބަޔަށްވުރެ ގިނަ ދުވަސް ވެފައެވެ.
މީގެއިތުރުން ޑރ. މުޢިއްޒު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު، މާލޭ ސިޓީގެ މޭޔަރުކަމަށް އެންމެ ކަމުދާ ބޭފުޅެއް ދެނެގަތުމަށް ބައެއް އޮންލައިން މީޑިއާތަކުން ނެގި ޕޯލުތަކުން އޭނާ ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!