10:30 ވަންދެން ކެފޭ/ރެސްޓޯރަންޓުތައް ހުޅުވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ހުއްދަ ދީފި އެވެ.
ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭ އާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުންމަށް ބަދަލުގެނައީ މިއަދު ނެރުނު އިޢުލާނަކުންނެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން، ހުޅުވައިގެން ހިދުމަތް ދިނުން ރޭގަނޑު 10:30އާ ހަމައަށް ހުޅުވާލަފައިވާ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.
ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުމުގެ މުއްދަތު އިތުރު 4 ދުވަހަށް އިތުރު ކުރީ ރޭގަ އެވެ.
ނަމަވެސް އެޗްޕީއޭއިން ކެފޭ/ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައި މިވަނީ، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު މާލެ ސަރަހައްދުގައި ކާފިއު ހިންގުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.
ކެފޭ/ރެސްޓޯރަންޓްތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، މާލެ ސަރަޙައްދުގައި އަޅާފައިވާ އެހެން ފިޔަވަޅުތަކަށް ލުޔެއް ނުދެއެވެ. އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ހަވީރު 6:00 އިން ހެނދުނު ހަޔަކަށް އިންޖީނުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ފިހާރަތައް ރޭގަނޑު 10:30 ގައި ބަންދުކުރަންޖެހެއެވެ.
މީގެއިތުރުން މާލެ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން މަނާކޮށްފައިވާއިރު، މާލެ ސަރަޙައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 22،373 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ބަލީގައި 66 މީހުން ވަނީ މަރުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!