ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 5 ރިސޯޓެއްގައި ވޯޓުފޮށި ނުބަހައްޓަން ނިންމައި، އެ ރިސޯޓްތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

އީސީން މިއަދުކުރި ޢިއުލާނެއްގައި ބުނީ، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާ ކަމަށެވެ.

Ad
rt

އެހެން ކަމުން އެފަދަ ރިސޯޓްތަކުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ. އަދި އެ ރިސޯޓުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އީސީއިން ވޯޓު ފޮށި ނުބައްހަޓަން ނިންމި ރިސޯޓުތައް:

  • ބ. ކިހާދުއްފާރު
  • ޅ. މަދިގުރައިދޫ
  • ރ. ކޮއްޓެފަރު
  • އދ. ތެލުވެލިގާ
  • ދޫރެސް

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އީސީން އެދުނު ފައިސާ މިހާރު ހަމަޖައްސާފައިވާއިރު، އެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށް ފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.