މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހއ. ބާރަށުގެ 61 ގޭބިސީއަކަށް ކެއާ ޕެކޭޖު ފޮނުވައިފިއެވެ.
ކޯވިޑް-19ގެ ކޭސްތަކެއްފެނި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ މޮނިޓަރިން ހާލަތަށް ގެނެވުނު ބާރަށް އަދި ވެސް އޮތީ އެހާލަތުގައި، އަރާފޭބުން މަނާ ކޮށްފައެވެ.
ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ''ތިލަދުން''އަށް ވިދާޅުވީ، ޖެންޑާ މިނިސްޓަރީގެ ފަރާތުން މިއަދު އެރަށަށް ފޮނުވި ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު އެ ޕެކޭޖްތަކުގެ ހައްގުވެރިންނަށް ހަވާލުކުރެވިފަ ވާކަމަށެވެ.
''އެ ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު ހެލްތު ޑެސްކުން ވަނީ އެ ޕެކޭޖްތައް ހަވާލުކޮށްފައި، އޭގައި ހިމެނެނީ ފަގީރުހާލަތުގައިވާ ގޭބިސީތަކާއި، ޕޮޒިޓިވްވި މީހުން ތިބި ގޭބިސީތައް، އެއީ ޖުމްލަ 61 ގޭބިސީ'' ޢަލީ ޝަމީމް ވިދާޅުވިއެވެ.
Ministry distributing care packages to vulnerable families, across the HA. Baarah currently under monitoring. pic.twitter.com/bp2AAD7hNL
— Ministry of Gender, Family and Social Services (@MoGFSSmv) March 18, 2021
ބާރަށް މީގެ ކުރީން ވެސް ވަނީ އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށް ދީފައެވެ. މިގޮތުން ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް 917 ކިލޯ ރޯސް ހަދިޔާކޮށްފައިވާއިރު، އެ އަތޮޅު މުރައިދޫ ރައްޔިތުންގެ ފަރާތުން 1113 ކިލޯ ރޯ މަހުގެ އިތުރުން ކާޑާއި އަދި ނޫޑުލުސް ވެސް ހަދިޔާ ކޮށްފައެވެ. އަދި އުތީމު ރައްޔިތުންގެ ފަރާތުން ވެސް ވަނީ 1400 ކިލޯ ރޯ މަސް ހަދިޔާކޮށްފަ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގައި ބާރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ވަނީ 979 ކިލޯ ރޯމަސް ހަދިޔާ ކޮށްފަ އެވެ. އަދި 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ވެސް މެންބަރު އަޙްމަދު ވަނީ ހަދިޔާ ކުރަށްވާފަ އެވެ. އަދި އިތުރު ބައެއް އާންމު ފަރުދުން ވެސް ވަނީ އެރަށަށް އެހީތެރި ވެފައެވެ.
ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 ވަނަ ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
ބާރަށުން ޖުމްލަ 36 މީހަކު މިހާތަނަށް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!