ދ. ކުޑަހުވަދޫ އިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން 26 ފެބްރުއަރީގެ ފަހުން އެރަށް ދަތުރުކުރި ފަރާތްތަށް އެންގުމަށް އެދެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ.
އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށްވެސް އެޗްޕީއޭއިންވަނީ އެދިފައެވެ.
މީގެއިތުރުން 26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދިފައިވާއިރު، ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނު ވުމަށާއި، އަދި ކުޑަހުވަދޫއަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާކުރުމަށްވެސް ވަނީ އެދިފައެވެ.
އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެއަރޕޯޓުގައި މަސައްކަތްކުރާ 6 މުވައްޒަފެކެވެ. މިމީހުން ކޮވިޑަށް ޓެސްޓްކޮށްފައިވަނީ ބަލީގެ އަލާމަތްތައް ހުރުމުގެ ސަބަބުންނެވެ. އެގޮތުން އެއަރޕޯޓުގެ އިތުރު 6 މުވައްޒަފެއްގެ ސާމްޕަލް އިއްޔެ ނަގާފައިވާއިރު، އެހުރިހާ މުވައްޒަފުންވެސް ކޮވިޑަށް ޕޮޒިޓިވްކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ހއ.ބާރަށް، ނ.ޅޮހި، އދ.ފެންފުށި، އއ.ތޮއްޑޫގެ އިތުރުން ދ.ކުޑަހުވަދޫ އެވ.ެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!