ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓަކީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުކަމަށް ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި، ހުޅުމާލެ އާރާސްތުކުރުމުގެ މަސައްކަތް ފަރުމާކޮށް ފެށުމުގައާއި، ތިލަފުށި ހެދުމާއި، މާލޭގެ މަގު ހެދުން ފަދަ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގުމުގެ އިސް މޭސްތިރިއަކަށް ހުންނެވި ކުރީގެ މިނިސްޓަރު އުމަރު ޒާހިރު، މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލަށްވާފައިވާ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒަށް ތާއީދު ކުރެއްވިކަން، މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

Ad
rt

ޑރ. މުޢިއްޒަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓަކީ ޑރ. މުއިއްޒުކަމަށާއި، އޭނާގެ މަސައްކަތުން މާލެ އަށް ބޮޑު ތަރައްގީއެއް އައިސްފައިވާ ކަމަށެވެ.

މިގޮތުން މުޢިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އޭނާގެ މޭސްތިރިކަމުގެ ދަށުން ކުރިއަށް ގެންދެވި ސިނަމާލެ ބްރިޖުގެ މަޝްރޫޢުއާއި، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ފެއްޓެވި މަސައްކަތްތައް އުމަރު ޒާހިރު ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އެމަސައްކަތްތައް ކުރެވިފައި ވަަނީ މުޢިއްޒުގެ ޚިޔާލާއި، ވިސްނުންފުޅުގެ ތެރެއިން ކަމަށާއި، މަސައްކަތް ކުރެވެމުންދިޔައިރު ނުހަނު ގާތުން އެ މަސައްކަތްތައް ބައްލަވަމުން ވެސް ގެންދެވި ކަމަށް މިނިސްޓަރު އުމަރުޒާހިރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިދިކޮޅު ކެންޑިޑޭޓު ޑރ. މުއިއްޒުއަށް، ކުރީގެ މިނިސްޓަރު އަދި ދައުލަތުގެ އިއްޒަތްތެރީންގެ ތެރޭގައި ވެސް ހިމެނޭ އުމަރު ޒާހިރު ތާއީދު ކުރެއްވި އިރު އެމަނިކުފާނު ހުންނެވީ މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގެ ބައިވެރިއެއްކަމަށްވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގައެވެ.