އެވަޓަންއަށް ކުޅެމުން އަންނަ އިންގްލެންޑްގެ އެއް ނަމްބަރު ގޯލްކީޕަރ ޖޯޑަން ޕިކްފޯޑަށް އަނިޔާވެ، މާޗްމަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
އެވަޓަންއަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ޕިކްފޯޑަށް އަނިޔާވެފައިވަނީ، މިދިޔަ ހޮނހިރު ދުވަހު ޕްރިމިއާ ލީގުގައި ބާންލީ އަތުން އެވަޓަން ބަލިވި މެޗުގައެވެ. އެ މެޗުގައި ޕިކްފޯޑުގެ ބަނޑުގެ ކަނާއަތްފަރާތުގެ މަސްތަކަށް އަނިޔާވެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި ބާންލީގެ މިޑްފީލްޑަރ ގުޑްމަންސަން ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ. މި އަނިޔާގެ ސަބަބުން ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ޕިކްފޯޑް ވަނީ ބަދަލުކޮށްފައެވެ.
މާޗް 24 އިން 31 އަށް އޮންނަ އިންޓަނޭޝަނަލް ބްރޭކްގައި، ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑް ޖުމްލަ ތިން މެޗެއް ކުޅޭނެއެވެ. އަލްބޭނިއާ، ސަން މަރީނޯގެ އިތުރުން ޕޮލެންޑާއި ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗުތަކުގައި ޕިކްފޯޑަށް ނުކުޅެވޭނެއެވެ. އަދި މީގެ އިތުރުން 20 މާޗް 2021 ވާ ހޮނހިރު ދުވަހުގެ ރޭ އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި އެވަޓަންއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗުގައި ވެސް ޕިކްފޯޑަށް ނުކުޅެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!