ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީގާއެއްގެ އަގު 65.61 ޑޮލަރު (1011ރ.) އަށް އަރައިފިއެވެ.
މިއީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ދެގުނަ އިތުރުވުމެކެވެ. މިއަހަރު ރެކޯޑު އަދަދަކަށް ތެލުގެ އަގު އުފުލިދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ދުނިޔޭގެ ތެލުގެ އަގަށް ކުއްލިއަކަށް ބޮޑު ބަދަލެއް އައީ ކޯވިޑް ވެކްސިންގެ ސަބަބުންނެވެ. ކޯވިޑްގެ ދުވަސްވަރު ގައުމުތައްބަންދު ކުރުމުގެ ސަބަބުން ދަތުރުފަތުރު ހުއްޓި ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް ދަށްވިއެވެ. މީގެ ސަބަބުން ތެލުގެ އަގު މިދިޔަ އަހަރު ހީ ނުކުރާ ވަރަށް ވެއްޓުނެވެ.
މިހާރު ވެކްސިން ލިބި ދަތުރުފަތުރުތައް ކުރިއެކޭ އެއްގޮތަށް ކުރަން ފެށުމުން އަނެއްކާވެސް ޑިމާންޑް އިތުރުވީއެވެ. ނަމަވެސް ކުރިން ޑިމާންޑު ނެތުމުން ތެޔޮ އުފެއްދިމިންވަރު މަދު ކުރުމުން މިހާރު ޑިމާންޑާ އެއްވަރަށް ތެޔޮ ސަޕްލައި ކުރުމުގައި ވަނީ ދަތިވެފައެވެ.
ތެލުގެ އަގު އުފުލުމަކީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއްކަމަށްވެސް ބައެއް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު އޯޕެކްގެ ގައުމުތަކާއެކު ވި އެއްބަސްވުމަކާއެކު ތެޔޮ އެންމެ ގިނައިން އުފައްދާ ގައުމު، ސައުދީ އިންވެސް ވަނީ އެ ގައުމުން ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައެވެ. އެގޮތުން ދުވާލަކު އުފައްދާ ތެލުން 1 މިލިއަން ފީފާ މަދު ކުރުމަށް ވަނީ ނިންމާފައެވެ. އަންނަ މަހުގެ ނިޔަލަށް މި ނިންމުމާ އެއްގޮތަށް އަމަލު ކުރާނެއެވެ.
ސައުދީން ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ނިންމި ނަމަވެސް އެމެރިކާއިން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް ނިންމައިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ޕެޓްރޯލާއި ޑީސަލުގެ އަގު ވަނީ އުފުލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!