ރ. ދުވާފަރުގައި ޓިނާއި އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް އިޢުލާނު ކޮއްފި އެވެ.

ރ. ދުވާފަރު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެރަށުގެ ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތަކުގެ ތެރެއިން 16.03 ނަމްބަރު ބިން، އެލްމިނިއަމް، ޓިނު އަދި ކޯނިސް އުފެއްދުމަށް ފެކްޓްރީއެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

Ad
rt

މިފެކްޓްރީ އެޅުމަށް މީގެ ކުރިންވެސް އެކައުންސިލުން ވަނީ ބިޑްއަށް ހުޅުވާލާފަ އެވެ. ނަމަވެސް އެފަހަރު ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ. އެހެންކަމުން އެއިޢުލާން ބާތިލުކޮށް އަލުންވަނީ މިއަދު އިޢުލާންކޮށްފަ އެވެ.

މި ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ ބިމުގެ ތަފްޞީލް އެ ކައުންސިލްގެ އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. ބިޑް ޑޮކިއުމަންޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 750.00ރ (ހަތްސަތޭކަ ފަންސާސް ރުފިޔާ) އަށެވެ.

އެ އިދާރާއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީބިމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ރ.ދުވާފަރު އަދި ރ.ކަނދޮޅުދޫ ނިސްބަތްވާ ފަރާތެއް ހިމެނޭ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

އަދި މީގެ ކުރިން މި އިދާރާއިން ދޫކުރެވިފައިވާ އެއްވެސް ކުލީބިމެއްގެ ކުލި ޤަވާޢިދާ އެއްގޮތަށް ކުލި ދައްކާފައިނުވާ ފަރާތެއް ހިމެނޭ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާރޓްނަރޝިޕްތަކަށާއި އަދި މިފަދަ ވިޔަފާރއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަ ކުލީބިމަށް ކުރިމަތިލުމުގެ ފުރުސަތު ނެތް ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.