22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވެ، ވިހާ ކުދިންނާމެދު އަމަލުކުރާ ގޮތަކީ "ވިންދު އެއްކޮށް ދަންދެން ބޭއްވުން" ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްއިން މިހެން ވިދާޅުވީ ކުޑަކުއްޖަކު ވިހެއުމަށްފަހު ފަރުވާ ނުދީ ބޭއްވި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ އޮސްޕިޓަލުން ދެންމެ ނެރުނު ނޫސްބަޔާނެއްގަ އެވެ.

Ad
rt

އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ޞިއްޙީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް (22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވާ) ރިޢާޔަތް ކުރުމަށްފަހު މި އުމުރުގައި ވިހާ ކުއްޖެއްގެ ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫންކަމަށެވެ. އަދި ޞިއްޙީ ބަހުން ދަންނަވާނަމަ މިއީ "ވަޔަބަލް ފީޓަސް" އެއް ނޫންކަމަށް އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ހާލަތްތަކުގައި ޢަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުމެވެ. މި މަންޒަރަކީ އާއިލާ އަށާއި އެހެނިހެން ފަރާތްތަކަށްވެސް ތަޙައްމަލް ކުރަން ދަތި މަންޒަރެއްކަން ޤަބޫލުކުރަމެވެ.

އައިޖީއެމްއެޗްއިން ނެރުނު އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެނޫސްބަޔާނުގައި ބުނެފައިވަނީ، މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ދިވެހި ބަހުންނަމަ ބައިގެން ދިއުން ކަމަށެވެ. މިގޮތަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިޢާޔަތް ކުރާއިރު އެ ހޮސްޕިޓަލުގައި ބައިގެންދިއުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަންއެއް ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 24 ހަފްތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމައެވެ.

ޞިއްޙީ ފަރުވާއަކީ އިލާހީ ޤާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ޞިއްޙީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ ޢިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައި ވީހިނދު، މި ކަންކަމަށް ރިޢާޔަތް ކޮށް ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދެއެވެ.

އައިޖީއެމްއެޗްއިން ނެރުނު އެނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެނޫސްބަޔާނުގައި ބުނެފައިވަނީ، ޞިއްޙީ ގޮތުން އާއްމު މަޢުލޫމަތެއްގެ ގޮތުގައި މި ނޫސްބަޔާނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ރައްޔިތުންނާއި ހިއްސާ ކުރެވުނު ނަމަވެސް ވަކި ބަލިމީހެއްގެ ވަކި ކޭސް އަކާއި ބެހޭ ޚާއްޞަ މަޢުލޫމާތު ތަކަކީ ކަމާބެހޭ ޤާނޫނީ އުޞޫލުތަކުގެ ދަށުން އާއްމުންނަށް ނުވަތަ ތިންވަނަ ފަރާތަކަށް ހާމަކުރުން މަނާ މަޢުލޫމާތެއް ކަމަށެވެ.

ވީމާ މި ހޮސްޕިޓަލާއި ބެހޭގޮތުން ސޯޝަލް މީޑިއާ އާއި މީޑިއާގައި ދެކެވޭ ބައެއް ވާހަކަތަކަށް، އެ މައްސަލަތަކުގެ ވަކިވަކި ތަފްޞީލު ހާމަކުރުމަކީ ނުވަތަ ކަންވީގޮތް ތަފްޞީލުކޮށް ބަޔާންކުރުމަކީ މި ހޮސްޕިޓަލަށް ޤާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫނެވެ.

އެ ހޮސްޕިޓަލަށް ކުރާ ތުޙްމަތުތަކާއި މެދު އެހޮސްޕިޓަލުން ބުނެފައިވެއެވެ.

އަދި، ބަލިމީހާގެ ހާލަތާއި، ކުރިއަށް ކުރިމަތި ވެދާނެ ކަންތައްތަކާއި، އެކަމަކަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމަކީ ސީދާ ބަލިމީހާއަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ތަފްޞީލުކޮށް ކިޔައިދޭ ކަންކަންކަމަށާއި، ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ހުރިހައި މަޢުލޫމާތެއް ކިޔައިދޭ ފަހުން ހޮސްޕިޓަލަށް އަންނަ ޢާއިލާގެ އެހެނިހެން މެންބަރުންނަށް މި ހުރިހައި މަޢުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ކިޔައިދިނުމަކީ ޞިއްޙީ ގޮތުން ޢަމަލުކުރާ މިންގަނޑުތަކާއި، އެކަށީގެންވާ ހަމަތަކުގެ މަތިން އަމަލީގޮތުން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަކަށް ނުދެކޭކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިފަދަ ހާލަތްތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ހޮސްޕިޓަލު ތެރެއަށް ވަދެ ޚިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށާއި އެހެނިހެން މުވައްޒަފުންނަށް ބިރު ދައްކައި، މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ ހިތާމަކުރާ ކަމެއްކަމުގައި އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

އަދި މިގޮތަށް ޢަމަލު ނުކުރުމަށް އިޚްލާޞްތެރި ކަމާއެކު ނަޞޭޙަތްތެރި ވާކަމަށާއި ސްޕޮންޓޭނިއަސް އެބޯޝަންތަކާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމަށްފަހު ދަރިފުޅު ނުވަތަ މައިމީހާ ނިޔާވާ ކޮންމެ މައްސަލަ އަކީވެސް ވަކި މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުގެ ފަރާތުން ތަޙުޤީޤު ކުރެވޭކަމަށާއި، އަދި އެފަދަ ކަންކަމަކީ ކުރިއަށް އޮތް ތަނުގައި އިޞްލާޙު ކުރެވިދާނެ އެއްވެސް ކަމެއް އޮތްތޯ ބަލާ ކަންކަން ކަމުގައިވެސް އެ ނޫސްބަޔާނުގައި އައިޖީއެމްއެޗްއިން ވިދާޅުވެފަ ވެއެވެ.