އުތުރު ތިލަފަޅު އެއްބަސްވުމަކީ، ރާއްޖޭގެ އިޤުތިޞާދަށާއި އަދި ދުނިޔޭގެ ސަލާމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްބަސްވުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.
އިބްރޭ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އެ މައްސަލައަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އިިބްރޭ ވިދާޅުވީ، ރާއްޖޭގައި ބިރުވެރިކަން ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްގޮތަކަށް ވެސް ޖާގަދީގެންނުވާނެ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ކުރެވުނު އެއްބަސްވުމަކީ، އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ނުހަނު ފައިދާތަކެއް ވެގެންދާނެ އެއްބަސްވުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިބްރޭ ވިދާޅުވިއެވެ.
''މިފަހަކަށް އައިސް ރާއްޖޭގެ ސަރަޙައްދުން ވެސް ވަރަށް ގިނައިން ސޯމާލިއާގެ ޕަޔަރެޓުންނާއި އަދި އީރާނުގެ ޑްރަގުގެ ވިޔަފާރިކުރާ ފަރާތްތައް ރާއްޖޭގެ ސަރަޙައްދަށް ވަދެގެން މި ވިޔަފާރި ހިންގަން، ހަމައެކަނި ރާއްޖެއަކާ ނޫން މި ވިޔަފާރި ހިންގަނީކީ. އިންޓަރނޭޝަނަލް ޑިސްޓިރިބިއުޝަން
ސްޕޮޓެއްގެ ގޮތުގައި ނުވަތަ އޭގެ ހަބެއްގެ ގޮތަށް ރާއްޖެ ބައެއް ޤައުމުތަކުން ނުވަތަ ބައެއް ފަރާތްތަކުން ސިފަކުރަމުންދަނީ. އެހެންވީމާ، މި ވިޔަފާރި ކޮންމެހެންވެސް ހުއްޓަން އެބަޖެހޭ. މި ރާއްޖޭގެ ސަލާމަތަށް ޓަކައި އަދި ދުނިޔޭގެ ސަލާމަތަށް ޓަކައި މިއީ ވަރަށް މުހިންމު ކަމެއް.'' އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ، ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަޙައްދަށް ވުމާއެކު ކަނޑުގައި ދަތުރުކުރާ އުޅަނދުތަކާއި ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހި ދައުލކަތުގެ ޒިންމާއެއް ކަމަށެވެ.
''މިއީ ހަމައެކަނި ރާއްޖޭގެ ކަނޑު ބޯޓުފަހަރެއް ނޫން. ރާއްޖެ ހުރަސްކުރާ ކޮންމެ ބޯޓަކީ ވެސް، ރާއްޖެ ސަރަޙައްދަށް ވަންނަ ކޮންމެ ބޯޓަކީ ވެސް
ރާއްޖެއިން ހިމާޔަތް ދޭންޖެހޭނެ ބޯޓެއް. އެހެންވީމާ، އަޅުގަނޑުމެންގެ ކަނޑުގެ ފްލީޓު، ސިފައިންގެ ފްލީޓު ވަރުގަދަކުރުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް. އެހެންވީމާ، މިއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު އެގްރީމެންޓެއް. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށާއި އަދި ދުނިޔޭގެ ސަލާމަތަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ދެކެން.'' އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގައި ބުނާ ވައްތަރު ބޯޓުޔާޑު ނުވަތަ ރިޕެޔަރކުރާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ޕްރިޕެއަރކުރާ ތަނެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސަބަބަކީ، ކަނޑުގައި ދުއްވާ އުޅަނދުތަކަކީ ވަރަށް ގިނަ ފަހަރަށް އަވަސް އަވަހަށް މަރާމާތުކުރަންޖެހޭ އުޅަނދުތަކެއްކަމަށާއި، އަދި އެއީ އެހެނިހެން ބަދަލުތައް އުޅަނދުތަކަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، މިފަދަ ފެސިލިޓީއެއް ހެދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!