ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެ ރޭ ބާސެލޯނާއާއި ހުއެސްކާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މޮޅުކުޅުމެއް ދައްކައި މެޗުގައި ބާސާއަށް ދެ ލަނޑު ޖަހައިދިން އެ ޓީމްގެ ކެޕްޓަން މެސީއަށް މިއީ ވަރަށް ހާއްސަ މެޗެކެވެ. މިއީ ބާސެލޯނާގެ ޖޯޒީގައި މެސީ ކުޅުނު 767 ވަނަ މެޗެވެ. މި އަދަދަށް ބާސާއަށް މެޗު ކުޅެދީގެން މި ރެކޯޑް މީގެ ކުރިން އޮތީ އެ ޓީމްގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްގެ އަތުގައެވެ. މި މެޗާއިއެކު މެސީއަށް މި ވަނީ ޒަވީގެ ރެކޯޑާ އަރާ ހަމަކުރެވިފައެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑްއާއި ދެކޮޅަށް ރަށުން ބޭރުގައި ބާސާކުޅޭ ލީގު މެޗުގައި މެސީ ކުޅެފިނަމަ މެސީ ވެގެންދާނީ ބާސާގެ ޖޯޒީގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއާއަށެވެ.

Ad
rt

މި މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ބާސާއަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެސީއެވެ. ދެވަނަ ލަނޑު ޕެޑްރީގެ އެހީތެރިކަމާއިއެކު ކާމިޔާބު ކޮށްދީފައިވަނީ ގްރިޒްމަންއެވެ. ހުއެސްކާއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއިން ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމްގެ ތިންވަނަ ލަނޑު 53 ވަނަ މިނެޓުގައި މެސީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމޔާބު ކޮށްދީފައިވަނީ އޮސްކާ މިންގުއޭޒާއެވެ. ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ މެސީއެވެ. މި މެޗުގައި މެސީ ޖެހި ދެ ލަނޑާއިއެކު މެސީ މި ސީޒަންގައި ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 21 އަށް އަރާފައެވެ. ލީގުގައި ފަހަކަށް އައިސް ބާސާއިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ބަލާއިރު އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން އެންމެ މެޗަކުން ވެސް ބަލިވެފައި ނުވެއެވެ.

މި މެޗުން މޮޅުވުމާއިއެކު ބާސާ ވަނީ ޕޮއިންޓް ތާވަލުގެ ދެ ވަނައަށް ޖެހިލާފައެވެ. އެއްވަނާގައި އޮތް އެތުލެޓިކޯއާއި ބާސާއާއި ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. އެތުލެޓިކޯއަށް 27 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ބާސާ ދެވަނާގައި އޮތީ 27 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ރެއާލް އޮތީ 27 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ހުއެސްކާ އޮތީ 27 މެޗުން ލިބުނު 20 ޕޮއިންޓާއިއެކު ތާވަލުގެ ފުލުގައެވެ.