އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވުލްވެސް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ހޯމަދުވަހުގެ ރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ އިދިކޮޅު ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން ވުލްވްސް އިން ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް ފަސް ހަމަލާއެއް ފޮނުވާލިއިރު، ލިވަޕޫލުން ވަނީ ވުލްވްސްގެ ގޯލާއި އަމާޒުކޮށް ހަތަރު ހަމަލާއެއް ފޮނުވާލާފައެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ދެ މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ޑިއެގޯ ޔިޓާއެވެ. މި ލަނޑު ޔޮޓާ ކާމިޔާބު ކޮށްފައިވަނީ މަނޭގެ އެހީތެރިކަމާއި އެކުގައެވެ.
މެޗުގެ ފަހުވަގުތު ވުލްވްސްއަށް ކުޅެމުން އަންނަ ޕޯޗުގަލް ޤައުމީ ޓީމުގެ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯގެ ބޮލަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން ގިނައިރުތަކެއް ވަންދެން ދަނޑުމަތީގައި ފަރުވާދިނުމަށް ފަހު ވަނީ ބަދަލު ކޮށްފައެވެ. ޕެޓްރީޝިއޯއަށް އަނިޔާވެފައިވަނީ ލިވަޕޫލްގެ ފޯވާޑް ސަލާހް ފޮނުވާލި ބޯޅައެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ވުލްވްސްގެ ޑިފެންޑަރ ކޯނޯ ކޯޑީގެ ކަކުލުން ޖެހުމުންނެވެ.
މި މެޗުން މޮޅުވުމާއިއެކު ލިވަޕޫލުވަނީ ޕޮއިންޓް ތާވަލުގެ ހަވަނައަށް ކުރިއަށް ޖިހިލާފައެވެ. އެ ޓީމަށް ލިބިފައިވަނީ 29 މެޗުން 46 ޕޮއިންޓެވެ. މެޗުންބަލިވި ވުލްވްސް އޮތީ 29 މެޗުން ލިބުނު 35 ޕޮއިންޓާއިއެކު ތާވަލުގެ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!