އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ލެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުތައް އެ ޓީމްތަކުން ކާމިޔާބު ކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް އެ ޓީމުން ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ދިޔަ ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ޓޮޓެންހަމްއިންނެވެ. މި ލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް ސޮންއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފުރަތަމަ ހާފުގެ ތެރޭގައި ސޮންގެ ބޭލުމަށްފަހު ކުޅެން ނުކުތް ލަމޭލާއެވެ. މި ލަނޑު ލަމޭލާ ކާމިޔާބު ކޮށްފައިވަނީ ރަބޯނާ ކިކަކުންނެވެ. ފުރަތަމަ ހާފުގައި އާސެނަލްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު ދެ ހަމަލާއެއް ޓޮޓެންހަމްގެ ގޯލު ދަނޑިއަށް ވަނީ އަމާޒުވެފައެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމުންނެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެރިކް ލަމޭލާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މާޓިން އޮޑެގާޑް ވަނީ އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން އާސެނަލް މޮޅުވެފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައި އާސެނަލްގެ ފޯވާޑް ލަކަޒޭޓަށް ޓޮޓެންހަމުގެ ޑޭވިންސަން ސަންޗޭޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީން، ލަކަޒޭޓް ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގައި ޓޮޓެންހަމްއަށް އިތުރު މައްސަލައާއި ކުރިމަތިވީ މެޗުގެ 76 ވަނަ މިނެޓުގައި ލަމޭލާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. ނަމަވެސް މެޗުގެ ފަހު ވަގުތު ކޮޅު ޓެޓެންހަމްއިން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން މެޗުގެ ފަހުވަގުތު ޓޮޓެންހަމްގެ ފޯވާޑް ކޭން ފޮނުވާލި ހިލޭޖެހުން އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
ޕޮއިންޓް ތާވަލުގައި އާސެނަލް މިވަގުތު އޮތީ 10 ވަނާގައެވެ. އެ ޓީމަށް 28 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. މި މެޗުން ބަލިވި ޓޮޓެންހަމަ އޮތީ 28 މެޗުން ލިބުނު 45 ޕޮއިންޓާއިއެކު ތާވަލުގެ ހަތް ވަނާގައެވެ.
ލެސްޓާ ސިޓީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗު ލެސްޓާއިން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.
މި މެޗުގައި ލެސްޓާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ލެސްޓާއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައުވަނީ ވާޑީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އިނާޗޯއެވެ.
މެޗުގެ ދެވަނަ ހާފުގައި ލެސްޓާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި އެ ހާފުގައި އިތުރު ހަތަރު ލަނޑު ޖަހާފައެވެ. ދެވަނަ ލަނޑު 64 ވަނަ މިނެޓުގައި އޯލްބްރައިޓަން ތަނަވަސްކޮށްދިން ފުރުޞަތެއްގައި ޕެރޭޒް ކާމިޔާބު ކޮށްދީފައިވާއިރު، ތިނަވަނަ ލަނޑާއި ހަތަރުވަނަ ލަނޑު އިނާޗޯ ކާމިޔާބުކޮށް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ފަސްވަނަ ލަނޑަކީ ޝެފީލްޑްގެ އަމްޕަޑު އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ލެސްޓާ މިވަގުތު އޮތީ ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. ޝެފީލްޑް އޮތީ މިވަގުތު ތާވަލުގެ އެންމެ ފުލުގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓް ހަމްއަތުން އެ ޓީމް މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ޔުނައިޓެޑް މި މެޗުން މޮޅުވެފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ޑިފެންޑަރު ކްރެއިގް ޑޯސަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި ލަނޑު ޑޯސަންއަތުން ބައިކޮޅަށް ވަދެފައިވަނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޔުނައިޓެޑް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ މެންޗެސްޓާ ސިޓީއެވެ. އެ ޓީމަށް 30 މެޗުން 71 ޕޮއިންޓް ވަނީ ލިބިފައެވެ. މެޗުން ބަލިވި ވެސްޓް ހަމް މިވަގުތު އޮތީ 28 މެޗުން 48 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސް ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!