ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގަތަރަށާއި، ބަނގުލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގެންނެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ މިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން މި ސަރުކާރުގައި އަލުން ޤާއިމުކުރުން ފާހަގަކުރެއްވުމަށެވެ. އަދި ދެޤައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ވެސް މި ދަތުރުފުޅުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

Ad
rt

ރައީސް ޞާލިޙްގެ ބަނގުލަދޭޝްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗު 17 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި "ބާރތު ސެންޓެނަރީ އޮފް ޝެއިޚް މުޖީބުއްރަޙްމާން"ގެ ރަސްމީ ޙަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި އެ ޤައުމުގެ ސަރުކާރުގެ އިސްއޮފިޝަލުންނާއި ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެއިތުރުން ބަނގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި ވެސް ރައީސް ބައްދަލު ކުރަށްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އަދި ސަރުކާރުގެ އިސްއޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗު 20 ވަނަ ދުވަހުގައެވެ.