ހއ. ބާރަށުން އިއްޔެ ނެގި 58 ސާމްޕަލްގެ ތެރެއިން 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެރަށުން އިތުރު 3 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 36 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ މިކަން މިނޫހަށް ކަށަވަރުކޮށްދީފަ އެވެ.
އިއްޔެ އެރަށުން ނެގި 58 ސާމްޕަލްގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓް ވެގެން ނެގުނު 44 މީހަކާއި އަލާމާތްތައްފެނިގެން ނެގުނު 4 މީހެއްގެ އިތުރުން ރެންޑަމްކޮން ނެގުނު 10 ސާމްޕަލްއެކެވެ.
ބައްޔަށް ޝައްކުވެގެން އިއްޔެ އެރަށުން ނެގުނު 4 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލްވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އޭގެފަހުން މިހާތަނަށް ޖުމްލަ 36 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާއިރު، މާރިޗް 1 ވަނަ ދުވަހުގެ ރެއިން ފެށިގެން އަދިވެސް އެރަށް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!