ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޝާހިދު "އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު" ގައި ބައިވެރިވެވަޑައިގަތުމަށް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އެ ގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު "ނެއިބަރހޫޑް ނެވިގޭޝަން: ދަ ކޮމަން ވޯޓާ: އޯލްޑް ޓައިސް، ނިއު ސްޓްރެޓެޖީސް" ސެޝަންގައި ވާހަކަފުޅުދައްކަވާނެއެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން މިސެޝަންގައި ސްރީލަންކާގެ ހާރިޖީ މިނިސްޓަރު ދިނޭޝް ގުނަވަރުދެނަ (ވަރޗުއަލްކޮށް) އަދި އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް، ވިޖޭ ކުމާރު ސިންގް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހާރިޖީ ވުޒާރައިން މައުލޫމާތު ދެއެވެ.

Ad
rt

އިންޑިއާ ޓުޑޭ ކޮންކްލޭވް-ސައުތު އަކީ 2017 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ ހިސާބުތަކުން އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުން އިންޑިއާއަށް ގެނެސްދެވޭނެ ތަރައްގީއާއި ކުރިއެރުމާ ބެހޭގޮތުން ބޭއްވޭ ބައްދަލުވުމެކެވެ.

މި އަހަރު ބޭއްވޭ ކޮންކްލޭވްގެ ހަތަރުވަނަ އެޑިޝަން ބާއްވަނީ ޗެންނާއީގައެވެ. މިބައްދަލުވުމުގައި އެކިއެކި ދާއިރާތަކުން ބޭފުޅުން ވާހަކަ ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ. މައިގަނޑު ގޮތެއްގައި މިބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ސޯޝިއޯ-ޕޮލިޓިކަލް ގޮތުން ސަރަހައްދަށް އަންނަ ތަރައްގީއާއި ކުރިއެރުމާއި ގުޅޭގޮތުންނެވެ.