ހއ. ހޯރަފުށީގައި ރަހީނުކޮށް، މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) ގެ މަރުގެ މައްސަލާގައި ޖަލަށްލި އޭނާއަށް ބޮޑުބޭބެ ކިޔާ މުހައްމަދު ލަތީފް އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން ކުޑަކޮށްފި އެވެ.

2010 ވަނަ އަހަރު ހުސޭނުބޭގެ ގެއިން ވައްކަން ކުރުމަށްޓަކައި އޭނާ ރަހީނުކޮށްގެން ގެންގުޅެނިކޮށް މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް 2016 ގައި އިއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގެ، މުހައްމަދު ލަތީފާއި އެރަށު އުއްމީދީ މަންޒިލް އަހުމަދު އިބްރާހިމާއި އެރަށު ސޯސަންވިލާ، އަބްދުﷲ ނުއުމާންގެ މައްޗަށެވެ.

Ad
rt

ލަތީފްގެ ޖަލު ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން އިއްޔެ އިއްވި ހުކުމުގައިވަނީ ހުސޭނުބޭ ރަހީނު ކުރުމަށްޓަކައި ސަމާނު އުފުލުމާއި އޭނާއަށް ފާރަލުމުގައި ލަތީފް ބައިވެރިވިކަން ސާބިތުވާއިރު، ލަތީފް ކުރި އަމަލަކީ ޓެރަރިޒަމްގެ އަމަލަކަށް އެހީތެރިވުުން ކަމަށެވެ. ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވިޔަސް، އެކަމަށް އެހީތެރިވާ މީހެއްގެ އަދަބަކީ ގާނޫނު އޮތްގޮތުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށާއި އެހެންވެ، އޭނާ އުމުރަށް ޖަލަށްލާން ކަނޑައެޅި އަދަބު ރަނގަޅު ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ތިން މީހުން ދުރާލާ ރާވައިގެން ހުސޭނުބެއަށް ފާރަލުމާއި ހުސޭނުބޭ ރަހީނު ކުރުމުން ވައްކަން ކުރުމުގައި ލަތީފް ބައިވެރިވިކަން ހެކިތަކުން ސާބިތުވެ އެވެ. ހުސޭނުބޭ ރަހީނުކުރި ތަނުގައި ލަތީފް ހާޒިރުވެ ނެތަސް، އޭނާއާ ދެކޮޅަށް ދެން ލިބިފައި ހުރިތަކަށް ބަލާއިރު ހުސޭނުބޭ ރަހީނުކުރަން އެހީވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ހުރި ކަމަށް އެ ހުކުމުގައިވެ އެވެ.

އޭނާ އުމުރަށް ޖަލަށްލާން ކަނޑައެޅި ބައި، ބާތިލް ކުރުމަށް ފަހު ހައި ކޯޓުން އެންގީ ލަތީފް 15 އަހަރަށް ޖަލަށްލުމަށެވެ. އަދި ކުރިން ޖަލުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ލަތީފް މިހާތަނަށް ޖަލުގައި ހޭދަކުރި 10 އަހަރަށް ވުރެ ދިގު މުއްދަތު އުނިކުރުމުން އޭނާ ދެން ޖަލުގައި ހޭދަކުރަން ޖެހެނީ ހަތަރު އަހަރާއި ދުވަސްކޮޅެކެވެ. ހުސޭނުބޭގެ މަރާ ގުޅިގެން ޖަލަށްލި އަހުމަދު އިބްރާހިމްގެ ޖަލު ހުކުމް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ. ނުއުމާންގެ ޖަލު ހުުކުމުގެ މައްސަލަ ހައި ކޯޓުން އަދި ނުނިންމަ އެވެ.