އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އުޅެނީ ކޯލިޝަން ރޫޅާލުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސައެއް މިއަދު މަޖިލީހަށް ވެއްދުމުން، އެކަމަށް އިޝާރާތްކުރަށްވާ ޒަހާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ނައިބު ރައީސްކަމުގެ މަގާމުގައި ވެސް ހުންނެވި މިނިސްޓަރު ޔުމްނާ ވިދާޅުވީ، މިނިސްޓަރު ޒަހާއަކީ ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ހިތްވަރުގަދަ މިނިސްޓަރެއް ކަމަށެވެ.
''މިއީ ކޯލިޝަން ރޫޅައިލުމަށް އިދިކޮޅުން ކުރާ ކަމެއް. ﷲ ގެ އިރާދަފުޅާއެކު މި ކަން ކާމިޔާބެއް ނުވާނެ.'' ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ މިހެން ވިދާޅުވެފައި ވާއިރު، ޔުމްނާގެ ބައްޕާފުޅު، ކުރީގެ ރައީސް އަދި އެމްއާރްއެމްގެވެސް ރައީސް ރައީސް މައުމޫން އަބުދުލްގައްޔޫމް ވަނީ ޒަހާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެފައެވެ.
މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރްއެމްގެ ފުރިހަމަ އިތުބާރު ޒަހާ އަށް އެބައޮތް ކަމަށާއި މަސްވެރިކަމުގެ ދާއިރާ އާއި މަސްވެރިންނަށް އަދި ގައުމަށް ޒަހާ ހިދުމަތް ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްގައި ކަމަށެވެ.
މިނިސްޓަރު ޒަހާގެ އިތުބާރުގެ މައްސަލަ މަޖިލީހަށް މިއަދު ހުށައަޅާފައިވަނީ، މަޖިލިސް ތަމްސީލް ކުރަށްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނެވެ. އެ މައްސަލާގައި އެގާރަ މެންބަރުން ސޮއިކުރައްވާފައިވާއިރު، އެއީ އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ޕީޕީއެމްގެ 6 މެންބަރަކާއި، ޕީއެންސީގެ 3 މެންބަރަކާއި މިނިވަން ދެ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!