ވެރިކަމަށް ވަޑައިގަންނަވަން ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދައި ނުދީ އެމަނިކުފާނު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރުގައި ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދައި ދެވޭތޯކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިވަގުތު ބައްލަވަނީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ކުރެއްވޭތޯ ކަމަށާއި، އަންނަ ދައުރު ވެރިކަމަށް ކުރިމަތިލައްވަން އަދި ނިންމަވާފައި ނުވާކަމަށެވެ.
''ވެރިކަމަށްއައިއްސަ އަނެއްދުވަހު ކުރިއަށް އޮތް ދައުރުގައި ކުރިމަތިލާން ނިންމައިފިއްޔަކާ ރައްޔިތުންނަކަށް ޚިދުމަތެއް ނުދެވޭނެ، އަޅުގަނޑު ވެރިކަމަށް އައިސް މިކުރާ ކަމަކީ އަޅުގަނޑުވީ ވަޢުުދުތައް ރައްޔިތުންނަށް ފުއްދާދެވޭތޯ ބެލުން، އެހެނެއްނޫން، ދެންއޮތް އިންތިޚާބަކަށް އަޅުގަނޑު ކުރިމަތިލާން ނިންމައިފިއްޔާ އަޅުގަނޑު ހިންގާ ކޮންމެ މަޝްރޫޢުއެއް ހިންގާނީ އަޅުގަނޑަށް ތާއީދު ބޮޑުވާނީ ކޮން ގޮތަކަށްތޯ ބަލައިގެން، ކޮންރަށެއްގައި ކޮން މަޝްރޫޢުއެއް ހިންގައިގެންތޯ މިރަށުގެ ތާޢީދު ލިބޭނީ، ކޮން ޢާއިލާއެއްގެ ކާކަށް ވަޒީފާ ދީގެންތޯ އަޅުގަނޑަށް އެ ޢާއިލާގެ ސަޕޯޓް ހޯދޭނީ، އެއީ އެކަަންވާނެ ގޮތަކީ، ކުރިއަށް އޮތް ދައުރަށް ކުރިމަތިލާން ނިންމައިގެން ކަންކުރާނެ ގޮތް އެއީ، އަޅުގަނޑު އިރާދަ ކުރެއްވިއްޔާ މިކުރަނީ އެހެނެއްނޫން، އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ އަޅުގަނޑުވީ ވަޢުދުތައް އިހަށް ފުއްދޭތޯ، އެ ނޫން ވިސްނުމެއް އަޅުގަނޑެއް މިވަގުތަކުނެތް، އަޅުގަނޑު ވެރިކަމުގެ ވާހަކަދައްކަން ހެޔޮނުވާނެ އަޅުގަނޑުވި ވަޢުދުތައް ފުއްދަނުދީ، ރައްޔިތުން ގަބޫލެއް ނުކުރާނެ، އެހެންވީމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެއީ'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައާއި، ތޮއްޖެހުމުގެ މައްސަލައަށް ވެސް ހައްލު އޮތީ ރާއްޖޭގެ ޚިދުމަތްތައް ލާމަރުކަޒު ކުރެވިގެން ކަމަށެވެ. އެ މައްސަލަތައް ދިމާވީ، ހުރިހާ ޚިދުމަތެއް މާލެއިން ލިބޭގޮތަށް ކަންކަން ކުރުމުން ކަމަށާއި، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ޚިދުމަތްތައް ލާމަަރުކަޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ބަހާލުމުގެ މަސައްކަތް ފަށާފައި ވަނިކޮށްް، އެކަންކަން ބަދަލުކޮށްލީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން އަލުން މަސައްކަތް ފަށާފައި ވަނީ ޚިދުމަތްތައް ލާމަރުކަޒުކޮށް، ލާމަރުކަޒީ ނިޒާމަށް ރާއްޖޭގެ ހިންގުން ބަދަލުކުރަން ކަމަށާއި، އެކަމުގެ ހެޔޮނަތީޖާ ފެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!