ވެރިކަމާއި ހަވާލުވެވަޑައިގެންއިރު ރާއްޖޭގެ އިޖުމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ނޫސް ވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ރައީސް ވިދާޅުވީ، މާލޭގެ މަގުތަކުގައި މީހުން މެރުމާއި، ވައްކަން ކުރުމާއި، ފޭރުމާއި މިހެންގޮސް އެތައް ކަމެއް އޭރުގެ އޮތް ހާލަތުގެ ތެރެއިން ހުނިޖަހާލެވިދާނެ ކަމަށެވެ. އަދި ވެރިރަށް މާލޭގެ އިތުރުން ބައެއް އެހެން ހިސާބުތަކުގައި ވެސް އޭރުގެ ހާލަތުއޮތީ އެހާލަތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
''މީގެ ތެރޭގައި ގޭންގްތަކުގެ މައްސަލަ އެބަހިމެނޭ، އެއް ގޭންގް އަނެއް ގޭންގާއި ތަޅާފޮޅުމާއި، މީހުން މެރުމާއި ވައްކަން ކުރުމާއި މިހެންގޮސް މުޖުތަމައުގައި ހުރި އެތައްކަމެއް، އޭގެއިތުރުން ރާއްޖެގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަޅުގަނޑުމެންނަށް ލަފާކުރެވެނީ 60 ހާހުން މަތީގައި އުޅޭނެ ކަމަށް''- ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތެރެއިން އެއްވެސް ލިޔެކިޔުމެއްނެތް 8775 ބިދޭސީން މިދިޔައަހަރު ފޮނުވާލެވިފައި ވާނެކަމަށެވެ. އަދި މުޅި ޖުމްލަ 20 ހާހަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ބެނުންވާ ވަރަށްވުރެ ގިނައިން ވަރަށް ހާލުގައި ރާއްޖޭގެ މަގުމަތީގައި ބިދޭސީން އުޅެމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މާލެ ތަރޭގައި ކުށްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
''އެހެންނަމަވެސް އަޅުގަނޑަށް ލިބިފައިވާ އަންދާޒާ ހިސާބުތަކުން ބަލާއިރުގައި މީގެ 2 އަހަރު ކުރިއާ އަޅާބަލާއިރުގައި ބޮޑުތަން ދަށްވެފަ މިހިރީ، މާރާމާރީވެސް، މީހުން މެރުންވެސް، ވައްކަން ކުރުންވެސް، ފޭރުން ވެސް ހުރިހާކަމެއް ހުރީ 2018 ވަނަ އަހަރާ އަޅާ ބަލާއިރުގައިފުދޭ ވަރެއްގެ ބަދަލުތަކެއް އައިސްފައި''- ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ގަބޫލުކުރަށްވާ ކަމަށާއި، އަދިވެސް މަގުމަތީގައި ފުލުހުންގެ ދައުރު އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނަށް ގެނެވުނު ބަދަލުން ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، ފުލުހުން ބޭނުންވާ ކަމަށްވާނަމަ އިތުރު ވަސީލަތްތައް ވެސް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުރަތަމަ ކަމަށް އެންމެން ވެސް ގަވާއިދަށް އުޅެން ފަރިތަކުރަންވީ ކަމަށެވެ. ޚާއްޞަކޮށް ދިވެހިންގެ އަމަލުތައް އެމަގަށް ބަހައްޓަންޖެހޭކަން ފާހަގަކޮށް، ރާއްޖެއަށް ބިދޭސީން އެތެރެކުރާ ފަރާތްތަކުން އެ ބިދޭސީންނަށް މުސާރަދީ، ހައްގުތައް ދޭނަމަ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!