އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ، އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންދާ ކަމަށާއި، އެއީވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

Ad
rt

ރައީސް ވިދާޅުވީ، މުޖުތަމަޢުގެ މުހިންމު ދާއިރާތަކާއި އިސް މަޤާމުތަކުގައި އަންހެނުން އަދާކުރާ ދައުރު އިތުރަށް ފުޅާކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއްކައް ކަމަށެވެ.

މި ސަރުކާރުން އިސްނަގައިގެން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާއެކު އަންހެނުންނަށް ހޯދައިދީފައިވާ އިތުރު ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އިޞްލާޙުތަކާއެކު، ކަންކަން ނިންމުމުގެ އަންހެނުންގެ ބައިވެރިވުން އިތުރުވެގެން ގޮސްފައިވާ ކަމުގައެވެ.

އަދި، ކުރިއަށް އޮތް ތަނުގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއް ބަޔަކީ އަންހެނުންނަށް ޚާއްޞަކުރެވިފައިވާ މަޤާމުތަކެއް ކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ކާމިޔާބީ ފެނިގެންދާނެ ކަމުގައެވެ.

ރައީސްގެ މެސެޖުގައި ވަނީ އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސްގެ އެ މެސެޖުގައި ވަނީ ދެއްވާފަ އެވެ.