ދުބާއީ އެއާޕޯޓުގައި ޕާސްޕޯޓުތަކުގެ ބަދަލުގައި ލޯ ސްކޭން ކުރަނީ

1000

ދުނިޔޭގެ އެންމެ ބިޒީ އެއް އެއާޕޯޓު، ދުބާއީ އެއާޕޯޓުގައި ޕާސްޕޯޓު ބެލުމުގެ ބަދަލުގައި ދަތުރު ކުރާ މީހުންގެ ލޯ ސްކޭން ކުރަން ފަށައިފިއެވެ.

މި ހިދުމަތާއެކު ލޯ ސްކޭން ކުރުމުން އެ މީހަކާ ގުޅޭ މައުލޫމާތު ދުބާއީގެ އިމިގްރޭޝަނަށް އެނގޭނެއެވެ. އެހެންކަމުން މީހުންގެ ޕާސްޕޯޓު ޗެކު ކުރުމަށް އޮފިސަރަކު ބޭނުމެއްނުވާނެއެވެ.

ޔޫއޭއީ އިން އަންނަނީ ކޯވިޑް-19އާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ކޮންޓެކްޓްލެސް ހިދުމަތްތައް ތައާރަފުކުރަމުންނެވެ. ލޯ ސްކޭން ކުރުމަކީވެސް މިއިނީޝިއޭޓިވްގެ ދަށުން ފެށި ހިދުމަތެކެވެ.

މި ހިދުމަތް އެ އެއާޕޯޓުން ދޭން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ. މީގެ ސަބަބުން ޕާސްޕޯޓު ކޮންޓްރޯލުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސަލާމަތް ވެވޭކަމަށްދަތުރު ކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ފޭޝަލް ރެކޮގްނިޝަން ނުވަތަ މޫނު ސްކޭން ކުރުމަކީވެސް ފާއިތުވި އަހަރުތަކުގައި ބައެއް އެއާޕޯޓުތަކުން ދޭން ފަށާފައިވާ ހިދުމަތެކެވެ. ނަމަވެސް ލޯ ސްކޭނާއި މިއާވަރަށް ތަފާތެވެ. ލޯ ސްކޭން ކުރާ ސޮފްޓްވެއާ ގުޅާލާފައިވަނީ މޫނު ސްކޭން ކުރާ ޑާޓާ ބޭސް އާއެވެ.

އެ ގައުމުގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ދަ ޖެނެރަލް ޑިރެކްޓޮރޭޓް އޮފް ރެޒިޑެންސީ އެންޑް ފޮރިން އެފެއާޒް، މޭޖާ ޖެނެރަލް އުބައިދު މެހަޔާރު ބިން ސުރޫރު ވިދާޅުވީ ހުރިހަާހިދުމަތެއްވެސް މިހާރު ސްމާޓް ވަމުން އަންނަ ކަމަށެވެ. އަދި މި ހިދުމަތާއެކު ދަތުރުވެރިންގެ ޒާތީ މައުލޫމާތު ފުރިހަމައަށް ރައްކާތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބައެއް އެކްސްޕާޓުން ގަބޫލު ކުރާ ގޮތުގައި މި ޓެކްނޮލޮޖީގެ ނާޖާއިޒް ފައިދާ ނެގުމަކީ ގާތް ކަމެކެވެ. އެހެންކަމުން މި ޓެކްނޮލޮޖީއާ ގުޅޭ ހުރިހާ މައުލޫމާތެއްއާއްމުންނާ ހިއްސާކުރަން އެ ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *