މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް، މުޙައްމަދު ފަޒީން މިއަދު ޢައްޔަންކުރައްވައިފިއެވެ.
މުޙައްމަދު ފަޒީން މި މަޤާމަށް ޢައްޔަންކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެެވެ. އަދި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ.
ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަޤާމެވެ.
ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!