ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފިހާރަ ފަޅާލައި ވައްކަން ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.

އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން ތިއްބާ 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މި ވައްކަމުގައި ހިމެނޭ ބައެއް މީހުން ވަނީ ފިލައިފައެވެ.

Ad
rt

އައިބީއެމް އިން މިއަދު އާއްމު ކުރި ވީޑިއޯއިން ދައްކާ ގޮތުގައި އެ ސަރަހައްދުގައި ފޯރި މަރަމުން ދިޔަ ފުލުހުންތަކެއް ފިހާރަ ކުރިމައްޗައް އެރުމާއެކު ފިހާރަ ތެރެއިން މޫނު ފޮރުވައިގެން ތިބި ބަޔަކު ވަނީ ނުކުމެގެން ފިލަން ދުވެފައެވެ. މި ވަގުން އަތުލައި ވައްކަން ހުއްޓުވުމަށް ފުލުހުން ކުރި މަސަައްކަތަށް އެ ކުންފުނިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ފުލުހުން އައީ މި މީހުންނަށް ފާރަ ލަމުންނެވެ.

އައިބީއެމުން މައުލޫމާތު ދޭގޮތުގައި އެއްވެސް އެއްޗެއް ވަގަށް ގެންދެވިފައެއް ނުވެއެވެ. ނަމަވެސް އޮފީހުގެ ދޮރަށް ވަނީ ގެއްލުން ދީފައެވެ.

މިވައްކަމާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ އައިލެންޑް ބެވަރޭގެ ފިހާރައިގެ ދޮރު ހަލާކު ކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ރޭ 03:12 އެހައިކަންހާއިރު 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި އެންމެއްނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެ މީހުން އެ ފިހާރަ ތެރެއަށް ވަދެ އުޅެނިކޮށް ފުލުހުން ފެނުމުން ދުވެ ފިލަން މަސައްކަތް ކުރަނިކޮށްކަމަށް ފުލުހުން ވިދާޅުވި އެވެ.

އެވަގުތު ފިހާރަ ތެރޭގައި 4 މީހަކު ހަރަކާތްތެރި ވެފައިވާކަމަށާއި އެމީހުންގެ ތެރެއިން އެކަކު ވަނީ ފިލާފަކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. ފިލި މީހާ ހޯދައި ހައްޔަރުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުުހުން މަޢުލޫމާތު ދެއްވި އެވެ.

އެމީހުން ފިހާރައިގެ ދޮރު ހަލާކު ކޮށްލަން ބޭނުން ކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ކަށިގަނޑެއް ކުށުގެ ވެށިން ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެ ފިހާރައިން އެމީހުންނަށް އެއްވެސް އެއްޗެއް ވަގަށް ނެގިފައެއް ނުވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީޤް ކުރަމުން.

ތިލަދުން އަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވި އެވެ.

އައިބީއެމްގެ ހުޅުމާލެ އޮފީސް ހުޅުވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.