އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޚިދުމަތްތައް އެ ކޮމިޝަނަށް ހާޟިރުވެގެން ވެސް ހޯދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކޯވިޑާއި ގުޅިގެން އީސީން މިހާތަނަށް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ ޚިދުމަތްތައް ހަމައެކަނި އޮންލައިންކޮށް ހޯދޭ ގޮތަށެވެ. އޭރު އީސީން މިގޮތަށް ހަމަޖެއްސީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ސަރުކާރުން އެޅި ރަށްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ގިނަ މުއައްސަސާތަކެއްގެ ޚިދުމަތް އޮންލައިންކޮށް ދިނުމުގެ އުސޫލަށް އަމަލު ކުރަން ފެށުމުންނެވެ.

Ad
rt

ނަމަވެސް މިހާރު އީސީން ވަނީ މިއަދުން ފެށިގެން އެ ކޮމިޝަނަށް ހާޟިރުވެގެން ވެސް ޚިދުމަތް ހޯދޭ ގޮތަށް ހަދާފަ އެވެ.

އެހެންކަމުން، މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް އެ ކޮމިޝަނުން ޢާންމު ފާރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި މިގޮތުން ޚިދުމަތްދެމުން ގެންދާނީ، އިންތިޚާބާބެހޭ މަރުކަޒު ބައުޖަމާލުއްދީންއިން ކަމަށް ވެސް އީސީން ބުންޏެވެ.

މިބަދަލު ގެނައި ނަމަވެސް، ކުރިއެކޭ އެއްގޮތަށް އެ ކޮމިޝަންގެ އީ-މެއިލް އަދި އީ-ގަވަރމެންޓް (ޖެމްސް) info@elections.gov.mv މެދުވެރިކޮށްވެސް ލިޔެކިޔުން ފޮނުވޭނެކަމަށް އީސީން ބުނެއެވެ.

އީސީން މި ބަދަލު ގެނެސްފައި މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތެރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވަން އެ ކޮމިޝަނުން ތާވަލުކޮށްފައި ވަނިކޮށެވެ.