އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލީއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބާންލީ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން 2 ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ އާސެނަލްއިން ނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ވިލިއަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ފޯވާޑް އޮބާމަޔަންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާންލީއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާސެންލްގެ މިޑްފީލްޑަރ ޝާކާހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ވުޑްއެވެ.

މެޗުގެ 2 ވަނަ ހާފުގައި އާސެނަލްއިން ވަނީ ލަނޑެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ލަނޑު ޖަހާނެ ފުރުޞަތު ތަކެއް ވެސް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. ބާންލީގެ ގޯލު ކުރިމަތިން އާސެނަލްގެ ނިކޮލަސް ޕެޕޭއަށް ވަނީ ހުސް ފުރުޞަތެއް ލިބި އެ ފުރުޞަތުގެ ބޭނުން ނުކުރެވިފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ފޯވާޑް ޕެޕޭ ފޮނުވާލި ބޯޅަ ބާންލީގެ ޑިފެންޑަރ ޕީޓާސް އަތުން ދިފާއުކުރި ކަމަށް ބަލައި މެޗުގެ ރެފްރީ ވަނީ ޕީޓާސްއަށް ސީދާ ރަތްކާޑެއް ދައްކައި އާސެނަލްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ވީއޭއާރު އިން ބެލުމަށް ފަހު އެ ބޯޅަ ޖެހިފައިވަނީ ޕީޓާސްގެ އަތުގައި ނޫންކަން ޔަޤީންވުމުން އެ ކާޑާއި ޕެނަލްޓީ މެޗުގެ ރެފްރީވަނީ ކެންސަލް ކޮށްފައެވެ.

މި މެޗުން އެއްވަރު ވުމުން ގަދަ 6 ޓީމްގެ ތެރެއަށް ވަނުމަށް އާސެނަލް ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ނުތަނަވަސްކަން ކުރިމަތިވެފައެވެ. މިވަގުތު އާސެނަލް އޮތީ ޕޮއިންޓް ތާވަލުގެ 10 ވަނާގައެވެ. އެ ޓީމަށް ލިބިފައިވަނީ 27 މެޗުން 38 ޕޮއިންޓެވެ. ބާންލީ މިވަގުތު އޮތީ 28 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ 15 ވަނާގައެވެ.