އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި، ޗެލްސީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލިއިރު، މި މެޗުން ބަލިވުމުގެ ސަބަބުން ލިވަޕޫލުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހުރަސްތަކާއި ކުރިމަތި ވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ޗެލްސީގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ލިވަޕޫލުގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނު ފޯވާޑް ޓިމޯ ވާނާ ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ބެލުމަށްފަހު އެ ލަނޑު އޮފްސައިޑް ކަމަށް ވަނީ ނިންމާފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިނގިރޭސި މިޑްފީލްޑަރ މޭސަން މައުންޓެވެ. މައުންޓް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ކަންޓޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ފަހަކަށް އައިސް ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ލިވަޕޫލަށް މުޅި މެޗުގައި ވެސް ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. މިއީ ލިވަޕޫލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ބަލިވި ފަސްވަނަ މެޗެވެ. މިއީ އެ ޓީމްގެ ތާރީޚުގައި ވެސް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ފަސް ބަލިވީ ފުރަތަމަ ފަހަރެވެ.

ޗެލްސީގެ ކޯޗުކަމާއި ޓުޗެލް ހަވާލުވީ ފަހުން އެ ޓީމު އަދި ބަލިވެފައި ނުވެއެވެ. ޓުޗެލްގެ ކޯޗުކަމުގެ ދަށުން ޗެލްސީ 10 މެޗު ކުޅެފައިވާއިރު ހަތް މެޗުން ވަނީ މޮޅުވެފައެވެ. ތިން މެޗު ނިމިގެން ގޮސްފައިވަނީ އެއްވަރު ވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޗެލްސީ ވަނީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 27 މެޗުން ލިބިފައިވަނީ 47 ޕޮއިންޓެވެ. މި މެޗުން ބަލިވި ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 7 ވަނާގައެވެ. އެ ޓީމަށް 27 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.