ދައުލަތުގެ މުއައްސަސާތަކުގައި ތިބެންޖެހޭނީ މަޖިލީހުގެ މެޖޯރިޓީގެ ހުދުމުހުތާރުކަމުގެ ''ދަލުގައި ބަންދުވެ'' ތިބެގެން މަސައްކަތްކުރާނެ މީހުންނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޒާހިދު މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ކޮޕްލައިންސް ބިއުރޯގެ ވެރިޔަކަށް އޭނާ ހުންނަވަނިކޮށް، މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ނުރުހުން އަމާޒްވުމުން އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނިކޮށް ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

Ad
rt

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން، 2017ގައި އެޗްއާރުސީއެމްއަށް އައްޔަންކުރި ޒާހިދު ވަނީ މި ވެރިކަމުގައި، މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފައެވެ.

އެހެންކަމުން ވޯޓާ ގުޅޭ މުހިންމު މަގާމެއްގައި އޭނާ ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުންނާއި މަޖިިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

''މަޖިލީހަކީ ވަކިވަކި ރައްޔިތުންނާމެދު ޒާތީ ގޮތެއް އޮންނަ ތަނަށް ވެއްޖެނަމަ އެއީ ހިތާމަހުރިކަމެއް. ދައުލަތުގެ މުވައްސަސާތައް، ވަކިން ޚާއްޞަކޮށް ދައުލަތުގެ ބާރަކުން ރައްޔިތަކާމެދު ޒާތީ ތައައްސުބެއް ގެންގުޅޭނަމަ ރައްޔިތުން ނިކަމެތިވެ މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްޤުން އެބަ ނިގުޅައިގަނެވޭ. ދައުލަތުގެ މުއައްސަސާތަކުގައި ތިބެންޖެހޭނީ މަޖިލިހުގެ މެޖޯރިޓީގެ ޚުދުމުޚުތާރުކަމުގެ ދަލުގައި ބަންދުވެ ތިބެގެން
މަސައްކަތްކުރާނެ މީހުންނެއް ނޫން.'' ރައްޓެއްސަކު ބުނިކަމަށް ވިދާޅުވެ، ޒާހިދުގެ ޕޯސްޓްފައި ވިދާޅުވެފަ ވެއެވެ.

Aharenge rahtessaku buni

މަޖިލީހަކީ ވަކިވަކި ރައްޔިތުންނާމެދު ޒާތީ ގޮތެއް އޮންނަ ތަނަށް ވެއްޖެނަމަ އެއީ...

Posted by Mohamed Zahid on Wednesday, March 3, 2021

ޒާހިދު އީސީގެ ކޮޕްލައިންސް ބިއުރޯގެ ވެރިޔަކަށް ހުރުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އެމްޑީޕީ ބައެއް
މެންބަރުން ވަނީ، ޒާހިދުއާ ގުޅޭ ގޮތުން އީސީގެ ރައީސް އަހުމަދު ޝަރީފާއި ސުވާލުވެސް ކުރައްވައިފަ އެވެ.

މަޖިލީހުން ދުރުކޮށްފައި ހުރި ބޭފުޅަކު އެފަދަ މަގާމެއްގައި ހުރެ އިންސާފުވެރި ކަމާއެކު ކަންކަން ހިނގައިދާނެ ކަމާމެދު އެ މެންބަރުން ސުވާލުކުރެއްވުމުން ޖަވާބުދެއްވަމުން، ޝަރީފު ވިދާޅުވެފައިވަނީ އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޭނުން ގޮތަކަށް ކަންކަން ނުކުރެއްވޭނެ ކަމަށާއި، ގައުމީ ކޮމްޕެލެއިންސް ބިއުރޯ އިން ކަމެއް ނިންމޭނީ ދެން ތިބޭ އަނެއް ހަތަރު މެންބަރުންގެ ވެސް ރުހުމާއެކުގައި ކަމަށެވެ.

އީސީގެ ކޮޕްލައިންސް ބިއުރޯގެ ވެރިޔާ ކަމުން ޒާހިދު އިސްތިއުފާ ދެއްވީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ޒާހިދަކީ ދައުލަތުގެ ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު، ޢިލްމީ ބޭފުޅެކެވެ. އަދި އޭނާ ނިސްބަތްވަނީ މިހާރު ހދ. ހަނިމާދޫގައި ވަޒަން ވެރިފައިވާ ހއ. ހަތިފުށީގެ ޢާއިލާއަކަށެވެ.