ތުރިކީގެ މިލިޓަރީ ހެލިކޮޕްޓަރެއް ވެއްޓީ 11 އޮފިސަރުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ތުރުކީގެ ދެކުނު އިރުމަތީފަރާތުގައި އޮންނަ ސެކްމީސް ކިޔާ އަވަށެއްގައެވެ. މި ހާދިސާގައި އިތުރު ދެ މީހަކު ވަނީ ޒަހަމަވެފައެވެ. ނަމަވެސް އެ އަވަށުގެ އެއްވެސް ރައްޔިތަކަށް ގެއްލުންވެފައި ނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އެ އަވަށާ ކައިރީގައި އޮންނަ ބިނގޯލް ޕްރޮވިންސުން ޓަޓްވާނަށް ދަތުރު ކުރަމުން ދަނިކޮށެވެ. ހެލިކޮޕްޓަރާ މުވާސަލާތީ ގުޅުން ކެނޑިފައިވަނީ ތުރުކީ ގަޑިން މެންދުރު 2:25ގައި ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހާދިސާގައި މަރުވި 11 މީހުންގެ ތެރެއިން ނުވަ މީހުން މަރުވީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައެވެ. އިތުރު ދެ މީހުން މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މަރުވި މީހުންގެ ތެރޭގައި ލުއިޓަނެންޓް ޖެނެރަލް އަކާއި އާމީ ކޯޕްސް ކޮމާންޑާއެއްވެސް ހިމެނެއެވެ.

މިއީ އެކްސިޑެންޓެއް ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ނިންމައިފައެވެ.