ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ވަރުގަދަކޮށް، ބަދަލުގެނެސްފިއެވެ.

އެބަދަލުތައް ގެނައިކަން އެޗްޕީއޭއިން ހާމަކުރަށްވާފައިވަނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ރޭ އެ އެޖެންސީއިން އާންމު ކުރި އެންގުމެއްގަ އެވެ.

Ad
rt

މިއެންގުމުގައިވާގޮތުން އެ ފިޔަވަޅުތައް ވަރުގަދަކުރީ މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެއަށެވެ.

މިގޮތުން ކުރިއަށްއޮތް 7 ދުވަހުގެ މުއްދަތަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި، އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެއް ކަމަށް އެ އެންގުމުގައި ވަނީ ބުނެފައެވެ. ކޯވިޑް19ގެ ކޭސްތައް އިތުރުވަމުންދާތީވެ، ބަލިން ރައްކާތެރިވުމަށްތަކައި މާލެ ސަރައްހަދުގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން އެޗްޕީއޭއިން މަނާކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

ކުރިއަށްއޮތް 7 ދުވަހުގެ މުއްދަތަށް އަޅަން ނިންމި ފިޔަވަޅުތައް

  • ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  • އެއްފަހަރާ 5 (ފަހެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި ޢާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުން.
  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުން.
  • ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ބަންދުކުރުން.
  • ޕާކުތަކާއި މައިޒާންތައް ބަންދުކުރުން.
  • ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން،
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުން.

އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެއް އެޅުމަށް ނިންމައިފައިވާ ފިޔަވަޅުތައް

  • ޖިމްތަކުގައި، ހަމައެކަނި، އެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުން.
  • ޚާއްޞަ ހުއްދައިގެ ދަށުން ޟަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 (ހަތްދިހަދޭއް) ގަޑިއިރުގެ ތެރޭގައި ހަދައިފައިވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓު އޮތުން.
  • ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓައިލުން.
  • ޑޭ ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓައިލުން.

މި ފިޔަވަޅުތަކާއެކު، އެޗްޕީއޭއިން 27 ޖަނަވަރީ 2021ގައި އާންމުކުރި އެންގުމުގެ 2 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާ ފިޔަވަޅު ފިޔަވައި އެނިހެން ފިޔަވަޅުތައް އެގޮތަށް ދެމިއޮންނާނެކަމަށް ވެސް އެ އިދާރާގެ އެންގުމުގައި ބުނެފަ ވެއެވެ.

ކުރިއަށް އޮތް 7 ދުވަހުގެ މުއްދަތައް އެޅި ފިޔަވަޅުތަކުގެ ތެރޭ ހިމެނޭ ''ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން'' ހާލަތުން އިސްނާ ފަރާތްތައް:

  • ސިފައިންނާއި ފުލުހުން،
  • ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު،
  • އެމްބިއުލަންސް.
  • ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް
  • ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތައް.
  • މި އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާކޮށްފައިވާ ވަގުތުގައި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދާންޖެހޭ ފަރާތްތައް.

''ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އަހުރެން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތިން ޢަމަލު ކުރެވޭނެއެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ. މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ.'' އެ އެންގުމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެފަ ވެއެވެ.

އެއްފަހަރާ 5 މީހުންނަށްވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި، މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއިރު، މިއަދު ވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މުޒާހަރާކުރަން ނިންމައި އެކަން ޢިއުލާން ވެސް ކޮށްފައެވެ.