ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތްކުރުވަމުންދާ 60 ފަންނާނުން ފޮނުވާލަން މޯލްޑިވްސް އިމިގްރޭޝަން އިން އަންގައިފި އެވެ.
އިމިގްރޭޝަން އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ އެއިދާރާއަށް ލިބެމުންދާކަމަށެވެވެ.
މި ޝަކުވާގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓުތަކުން ފޮޓޯގްރަފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ގިނަކަން ކަމުގައި އިމިގްރޭޝަންއިން ބުނެފައިވެއެވެ.
މި ޝަކުވާތަކާއި ގުޅިގެން މިއިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް ވާނީ އަންގާފައެވެ. އަދި މި ދެންނެވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައެވެ.
އިމިގްރޭޝަންގެ ދެންނެވުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިދާރާއިން ބުނެފައިވަނީ އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ކުރުވަމުންދާކަމަށެވެ. މި ފަދައިން ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން އެ އިދާރާއާއި ހިއްސާކުރަމުންދާކަމަށެވެ.
މިފަދައިން މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އެ އިދާރާއިން ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަމަށާއި އަދި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަޞަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ޤަވައިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތް ނުކުރުވުމަށް އެއިދާރާއިން އިލްތިމާސް ކުރާކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!