އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވިދާޅުވީ ރ. އަލިފުއްޓަށް ބަނގުރަލާއި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު އަލިފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއެކު 20 އަހަރުގެ މީހަކު އެރަށުން ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

Ad
rt

އެގޮތުން މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އަލިފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްވަނީ ޖަހާފައެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، ގއ. ދާންދޫ އާއި މ.މުލަކުން ވެސް 02 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށާއި ގއ.ދާންދޫ އިން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.އިންޓެލިޖެންސާއި ދާންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 16 ކަރުދާސްކޮޅު ފެނިފައިވެއެވެ. ގއ. ދާންދޫ އިން ހައްޔަރުކުރި މީހަގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 09 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އަދި މ.މުލަކުން 24 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މަހު 3 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައިހުރި އެއްޗެއް އެއްލައިލުމުން އެތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނުމާ ގުޅިގެން ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.