ދ. މީދޫ ކައުންސިލާ ގުޅޭގޮތުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފި އެވެ.
އެލްޖީއޭއިން އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި ނިންމާފައިވަނީ، ކައުންސިލަރުންގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާތީ އެވެ.
މީގެ އިތުރުން އެ ނިންމުމުގައި ބުނެފައި ވަނީ، އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާކަމަށާއި، ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ގެއްލުން ލިބޭނެކަމަށް ފެންނާތީކަމަށެވެ.
މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް، އިއްޔެއިން ފެށިގެން، 3 މަސްދުވަހަށް ސަސްޕެންޑު ކޮށްފަައިވަނީ އެކައުންސިލުގެ ރައީސް އިޔާސް އިސްމާޢީލް ލަޠީފް އާއި ނައިބު ރައީސް ޝުރައިފް އިބްރާހީމް ރަޝީދު އާއި ކައުންސިލަރ މުޙައްމަދު ތައުފީޤު އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން މި މައްސަލަ ތަހުގީގު ކުރުމަށް އެލްޖީއޭއިން ވަނީ އިންކުއަރީ އެއް އުފައްދާފަ އެވެ.
ކައުންސިލަރުން ސަސްޕެނޑްކޮށްފައިވާ މުއްދަތުގައި އެކައުންސިލް ހިންގުންވަނީ، ދ.އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން މީދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ ބެލުމުގެ ދަށަށް އެ ކައުންސިލުން ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!