ހއ. ކެލާ އަދި ހދ. ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު، އެ ދެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެ ދެ ރަށުގެ އިތުރުން ބ. ފުޅަދޫ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު ވެސް ވަނީ އެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ތިން ރަށުގެ ކައުންސިލާއި އެ މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސް ވުމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އެ ތިން ރަށުގެ ކައުންސިލާއެކު ސޮއިކޮށްފައި ވަނީ އިއްޔެއެވެ. މިއީ އެލްޖީއޭގެ ބަޖެޓްގައި ހިމެނިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން 3 މަޝްރޫއު އެވެ.
ޒޫމް މެދުވެރިކޮށް ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި ހއ. ކެލާ މަސްމާރުކޭޓްގެ މަސައްކަތާއި، ހދ. ވައިކަރަދޫ މަސްމާރުކޭޓްގެ މަސައްކަތާއި، ބ. ފުޅަދޫ ކައުންސިލް އިދާރާގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސް ވުމުގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފް އެވެ.
ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން ކެލާ މަސްމާރުކޭޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއެވެ. ވައިކަރަދޫ މަސްމާރުކޭޓުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމްއެވެ. އަދި ފުޅަދޫ ކައުންސިލް އިދާރާގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ، ފުޅަދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފްއެވެ.
މީގެތެރެއިން ކެލާ މަސްމާރުކޭޓް މަޝްރޫޢަކީ 2،815،320.04 ރުފިޔާގެ މަޝްރޫޢެކެވެ. ވައިކަރަދޫ މަސްމާރުކޭޓުގެ މަޝްރޫޢުއަކީ 2،500،000.00 ރުފިޔާ އެވެ. އަދި ފުޅަދޫ ކައުންސިލް އިދާރާގެ މަޝްރޫޢުއަކީ 3،500،000.00 ރުފިޔާގެ މަޝްރޫޢުއެކެވެ.
ބ.ފުޅަދޫ ކައުންސިލް އިދާރާ، @Kelaacouncil އަދި @VaikaradhooMv މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކުރުން pic.twitter.com/tpifO614sx
— Local Government Authority (@lgaMaldives) March 3, 2021
އެލްޖީއޭއިން މައުލޫމާތު ދެއްވި ގޮތުގައި މީގެތެރެއިން ވައިކަރަދޫ މަސްމާރުކޭޓްގެ މަސައްކަތް 04 ޑިސެމްބަރ 2019 ވަނަ ދުވަހުވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އެހެން ނަމަވެސް ކައުންސިލަށް، އެންގުމަކާއި ނުލާ، އެއްވެސް މަގުބޫލު އުޒުރެއްނެތި ކޮންޓްރެކްޓަރު ސައިޓުގައި މަސައްކަތް ނުކުރާތާ 28 ދުވަސްވުމާއި، އަދި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި %15 އަށް ވުރެ އިތުރުވެފައިވާތީ، އެ އެގްރިމެންޓުވަނީ މާލިއްޔަތު ގަވައިދުގައިވާގޮތުގެ މަތީން ބާތިލްކޮށްފައެވެ. އެގްރީމެންޓް ބާތިލްކުރިއިރު މަސައްކަތުގެ %24ވަނީ ނިމިފައެވެ. އަލަށް ވެވުނު އެއްބަސްވުމުގެ ދަށުން ކައުންސިލުން އެހެން ފަރާތަކާއި ހަވާލުކޮށްގެން ނުނިމި ހުރި މަސައްކަތް ނިންމާލެވޭނެ ކަމަށް އެލްޖީއޭއިން މަޢުލޫމާތުދެއްވައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ގޮތުން ޤައުމީ އިދާރާތަކުން ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގުމަށް ކަނޑައަޅާ ޕީ.އެސް.އައި.ޕީ މަޝްރޫއުގެ ތެރެއިން، އެ މަޝްރޫއުއެއްގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މަޝްރޫއުތައް ހިންގަންވާނީ، އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ކައުންސިލް މެދުވެރިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!