އާދީއްތަ ދުވަހުގެ ރޭ އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗުގައި މިލާންގެ ފޯވާޑް އިބްރަހިމޮވިޗްގެ ވާތުފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން، ޔޫރޮޕާ ލީގުގެ ގަދަ 16 ގައި އޭނާގެ ކުރީގެ ކުލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

މިލާން 2-1 ގެ ނަތީޖާއިން ރޯމާއަތުން މޮޅުވި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ ސަބަބުން ތިން ހަފްތާއަށް އޭނާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ.

Ad
rt

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޔުނައިޓެޑާއި މިލާން ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ޔުނައިޓެޑުގެ ދަނޑުގައެވެ. އަދި ދެވަނަ ލެގުގެ މެޗު ކުޅޭނީ މި މަހުގެ 18 ވަނަ ދުވަހު މިލާނުގެ ދަނޑުގައެވެ.

މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ 39 އަހަރުގެ ސްވިޑަން ފޯވާޑް ވަނީ މި ސީޒަންގައި މިލާނަށް ކުޅެދިން 21 މެޗުގައި 16 ލަނޑު ޖަހާފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން 2017 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރަޕާ ލީގު ކާމިޔާބު ކޮށްދިނުމުގައި އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑްގެ ފޯވާޑް ލައިނުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މިވަގުތު އިބްރަހިމޮވިޗް ކުޅެމުންދާ މިލާން އޮތީ އިޓާލިއަން ސީރިއާ އޭގެ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެއްވަނާގައި ހަތަރު ޕޮއިންޓްގެ ލީޑަކާއިއެކު އޮތީ އިންޓަ މިލާނެވެ.